ދެ ގައުމަކަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުން އައްޔަންކުރެއްވުމަށް، ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ބޭރުގެ ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.
މަޖިލީހަށް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ރާއްޖެއިން ކަޒަކިސްތާނަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް އައިޝަތު އަޒީމާ އައްޔަންކުރެއްވުމަށް، އަދި ރާއްޖެއިން މޮރިޝަސްއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރަކަށް މަސްއޫދު އިމާދު އައްޔަންކުރެއްވުމަށެވެ. އައިޝަތު އަޒީމާއަކީ މިހާރު ވެސް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އަދި ރާއްޖެއިން ސްރީލަންކާއަށް މިވަގުތު ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކީ މަސްއޫދު އިމާދެވެ.
މަޖިލީހަށް ރައީސް ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ، ދެ ގައުމަށް ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ރުހުން ދެއްވުމަށެވެ.
ދިވެހިރާއްޖެއިން ކަޒަކިސްތާނަށާއި މޮރިޝަސްއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުން އައްޔަން ކުރެއްވުމުގެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.