އިސްރާއީލުން އަނިޔާވެރިކަމާއި އެކު ބަނޑަށް ޖައްސައިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރަމުންދިޔަ ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އުޅަނދުތަކެއް އިސްރާއީލުން ހުއްޓުވައި، ހުރަސްއަޅަމުންދާތީވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފިއެވެ. ރައީސް ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނިއްޔަތާއި ޚިލާފު އަމަލެއް ކަމަށެވެ.
މިދިޔަ އޮގަސްޓު މަހު ދަތުރު ފެށި ސުމޫދު ފްލޮޓިލާގައި ދުނިޔޭގެ 44 ގައުމެއްގެ 500 މީހުން ހިމެނެއެވެ. މި ފްލޮޓިލާގެ ބައިވެރިންގެ ތެރޭގައި ދިވެއްސެއް ކަމަށްވާ އިބްރާހިމް ޝާޒް (ބޮޑޭ) ވެސް ހިމެނެއެވެ. ޣައްޒާގެ ސަރަހައްދީ ކަނޑުގެ ބޭރުން، އިސްރާއީލުގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވާ ސަރަހައްދާ ކައިރިވުމުން، އިސްރާއީލުގެ ސިފައިން ވަނީ މި އުޅަނދުތައް ހުއްޓުވަން ފަށައިފައެވެ. ފްލޮޓިއްލާ އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ތިބި 15 އުޅަނދެއް ވަނީ ހުއްޓުވައިފައެވެ. މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި އިސްރާއީލު ސިފައިން ހަތިޔާރާއެކު ބައެއް އުޅަނދުތަކަށް އަރައި، އެތަނުގައި ތިބި މީހުން ހިފަހައްޓާފައިވެއެވެ.
ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓުގައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ހަތިޔާރެއް ނެތި، ޣައްޒާއަށް ޒަރޫރީ އެހީ ގެންދާ އާންމުން ތިބި އުޅަނދުތައް އިސްރާއީލުން ހުއްޓުވުން ކުށްވެރިކުރައްވައި، އިސްރާއީލުން މިފަދަ ގޮތަކަށް ބިރު ދެއްކުމަކީ ބަލައިނުގަނެވޭނެ އަދި އެކަމަށް ރުހިގެން ތިބެގެން ނުވާނެ ކަމެއް ކަމަށް ވިދާޅވެފައެވެ. މީގެ އިތުރުން، މިނިވަންކަމާއި އަސާސީ ވަސީލަތްތަކުން މަހުރޫމު ކޮށްފައިވާ ޣައްޒާ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭން ދާ ބަޔަކަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނިއްޔަތާ ވެސް ޚިލާފު އަމަލެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އިސްރާއީލުން ތަކުރާރުކޮށް އިންސާނީ ކަރާމަތް ނަގާލައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ދުނިޔޭގައި އިތުރަށް އެކަހެރި ވެފައިވާ ކަމަށެވެ. އެހެންކަމުން، އިސްރާއީލަށް ހަރުކަށި ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް ގޮވައިލެއްވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ ހައްގުތައް ހޯދުމަށާއި މިނިވަންކަމާއި ސުލްހައާއި ސަލާމަތާއި އިންސާފަށް ކުރަމުންދާ މަސައްކަތުގައި، އެ ގައުމުގެ ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.