އެމްޑިޕީން ރާއްޖޭގައި އޮތް ހަމަޖެހުން ނަގައިލުމަށް މޭކަރައިގެން މަސައްކަތްކުރާ ސަބަބަކީ، ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް މިހާރު ހައްލުވަމުންދާ ތަން ފެންނަމުން ދާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)ގެ ހަރުގެ، ކޮންގުރެސް ހައުސްގައި ކުރިއަށްދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެންބަރު ހުސްނީ ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން ނިމިދިޔަ އަހަރާއި މި އަހަރު ދައުލަތުގެ ބަޖެޓުން ހާސިލުވި ކަމެއް ނެތްކަމަށް ބުނެ ވާހަކަދައްކާއިރުވެސް، ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ގިނަ ކަންކަން ހާސިލުވެފައިވާކަން ފެންނަން އެބަހުރިކަމަށެވެ.
މިގޮތުން، މަސްވެރިންނަށް ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއް ދޫކޮށް، 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށާއި، ޒުވާނުންގެ ކަންކަން ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަދުވަހު ފެށުނު ވަތަނީ ހިދުމަތަކީ، ގައުމުގެ ކުރިމަގަށް އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށް އިދިކޮޅުންވެސް މިހާރު ގަބޫލުކުރާކަމަށް ހުސްނީ ވިދާޅުވި އެވެ.
މެންބަރު ހުސްނީ ފާހަގަކުރެއްވި ގޮތުގައި، ގައުމުގައި ހަމަޖެހުމާއި ހަމަހިމޭންކަން އޮވެގެން، ރައީސް މުޢިއްޒު މިހާރު އަޅުއްވަން ފައްޓަވާފައިވާ ހަރުދަނާ ފިޔަވަޅުތައް އެގޮތުގައި ތަންފީޒުކުރެވެމުންދާނަމަ، އިދިކޮޅު ޕާޓީތަކަށް ރާއްޖޭގައި ސިޔާސީ ކުރިމަގެއް ނޯންނާނެކަމަށް އެ ޕާޓީތަކުންވެސް މިހާރު ގަބޫލުކުރާކަމަށާއި އަދި ގައުމު ހަލަބޮލިކޮށް، އަމާންކަން ނަގައިލަން އުޅެނީ މި ސަބަބާހުރެ ކަމަށް މެންބަރު ހުސްނީ ވިދާޅުވި އެވެ.
ފެނަކައިގެ ކޮރަޕްޝަނުގެ ވާހަކަ ދެއްކުމުން މެންބަރު ހުސްނީ ވިދާޅުވީ, އިދިކޮޅު އެމްޑީޕީން އަބަދުވެސް ބުނަމުންއައީ އެއީ އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އޮޑިޓް ރިޕޯޓުން އެކަންކަމުގެ ހަގީގަތް ފެނުމާއެކު، މިހާރު އޮޑިޓާ ޖެނެރަލް ސިޔާސީ ވެފައިވާކަމަށް ބުނެ، އޮޑިޓާ ޖެނެރަލްއާ މިހާރު ޖެހިގަނެ، އޮޑިޓާ ޖެނެރަލަކީ ސިޔާސީ ބޭފުޅެއްގެ ގޮތުގައި ދައްކަން މަސައްކަތްކުރަމުންދާކަމަށެވެ.
ހުސްނީ ވިދާޅުވީ ފެނަކައިގެ އޮޑިޓު ރިޕޯޓުގައި ހުރި ކަންކަން ތަހުގީގުކުރެވި، އެ މައްސަލަތަކާ ގުޅިގެން ދައުވާކުރެވި، އަދި ހުކުމްވެސް ކުރެވިގެންދާނެކަމަށެވެ. އަދި އެ މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދުގެ އިތުރުން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި، އެވެރިކަމުގެ ސަރުކާރުގެ އެހެނިހެން ވެރިންގެ މައްސަލަތައްވެސް ބަލަންޖެހޭނެކަމަށްވެސް މެންބަރު ހުސްނީ ވިދާޅުވި އެވެ.