ރާއްޖޭގެ ތަރައްގީ ފުރިހަމަގޮތުގައި ހާސިލުވާނީ އިސްލާމްދީނާއި ގައުމު ދެކެ ލޯބިވާ، ހުލްގު ހެޔޮ ހުނަރުވެރި ޖީލެއް ބިނާކުރެވިގެން ކަމަށާއި މިއަދު އިފްތިތާހުކުރި ދިވެހި ވަތަނީ ހިދުމަތަކީ ގައުމު ބިނާކުރުމަށް ފެށުނު ތާރީހީ މުހިންމު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސްގެ ނަމުގައި 343 ބައިވެރިންނާއި އެކު ދިވެހި ވަތަނީ ހިދުމަތް މިއަދު ވަނީ އިފްތިތާހު ކޮށްފަ އެވެ. ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވަނީ، ދިވެހި ވަތަނީ ހިދުމަތް އިފްތިތާހުކުރެއްވުމުގެ ގޮތުން އެ ހިދުމަތުގެ ދިދަ ހަވާލުކުރައްވާފަ އެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދައްކަމުން އެމަނިކުފާނު ވިދާޅުވީ ފުރިހަމަ ތަރައްގީ ހާސިލުކުރެވޭނީ ހަރުދަނާ، ޒުވާން ޖީލެއް ބިނާކޮށްގެން ކަމަށާއި ގައުމާއި އިސްލާމް ދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ، ބޮޑެތި އުމްރާނީ މަސައްކަތްތަކަށްވުރެ މުހިންމުކަމެއް ކަމަށެވެ. އަދި ތަމްރީނަކީ ބައިވެރިންގެ މުސްތަގުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށްދިއުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
"އިރާދަކުރެއްވިއްޔާ މި ތަމްރީނު ނިމިގެންދާއިރުގައި، ދެވަނަ ފިޔަވައްސަށް ދާއިރުގައި، ތިޔަކުދިން، ތިޔަ ޒުވާނުން ވެގެންދާނީ، އަޅުގަނޑުމެން މި އުންމީދުކުރާފަދަ އަދި ތިޔަކުދިންވެސް އުންމީދުކުރާފަދަ ބަޔަކަށް. މިހާރަށްވުރެ ބޮޑަށް ގައުމަށް ހިދުމަތްތަކެއް ކުރެވޭ، އަމިއްލަ ހަޔާތް އިތުރަށް ވަރުގަދަކަމާއެކީގައި ކުރިއަށް ގެންދެވޭނެފަދަ ގޮތަކަށް އެމްޕަވަ ކުރެވިފައިވާ ޒުވާނުންތަކަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދު ތަމްރީނު ފެށި ކުދިންގެ އިތުރުން، ކުރިއަށް އޮތް ބެޗްތަކުގައި އިތުރު ކުދިން ބައިވެރިވެ، ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 5000 ޒުވާނުން ތަމްރީނުތައް ފުރިހަމަކޮށްގެން ހިދުމަތަށް ނުކުންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އޭރުން އެ ތަމްރީނު ކުރެވިގެންދިޔައީ ރާއްޖޭގެ މުސްތަގުބަލަށް ފުރިހަމަގޮތުގައި ހިދުމަތްކުރާނެ ވަރަށް މުހިންމު ބައިވެރިންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި ވަތަނީ ހިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މިއަދު ފެށި ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ. މި ތަމްރީނުގައި ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތައުލީމު، ލީޑަޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެ އެވެ. އަދި ފަސްޓް އެއިޑް، ފަޔަ ފައިޓިން އަދި ސެލްފް ޑިފެންސްވެސް ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ.