ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
މި ދައުވާ ކޮށްފައިވަނީ ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅިގެން ހިމެނޭ މަނީ ލޯންޑާކޮށްދިން ކަމަށް ބުނެ އެވެ. މި މައްސަލައިގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ރިޝްވަތުގެ ދައުވާ ކުރެ އެވެ.
ޕީޖީ އޮފީހުން މި މައްސަލައިގައި މީގެކުރިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައިފައިވާ ކަމަށެވެ.
މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ޕްލޭންކޮށްފަި ކަމަށްވެސް ޕީޖީން ބުނެފައިވެ އެވެ.
ކޯޓުތަކުން ކުރާ ހުކުމްތައް ޝާއިއު ކުރުމަކީ ގާނޫނީ ގޮތުން ލާޒިމަކަށް ވާއިރު އެ މައްސަލާގެ ހުކުމްކުރި ދުވަހުގެ ތާވަލްގައި އެ މައްސަލަ ހިމަނާފައެއް ނުވެ އެވެ. އަދި އެ މައްސަލައިގެ ހުކުމް މިހާތަނަށް ވެސް ކޯޓުން ޝާއިއުކޮށްފައެއް ނުވެ އެވެ.