ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރި އެންމެ ފުޅާކޮށް ހިންގާ ސަން ސިޔާމް ކުންފުނީގެ ރިސޯޓުތަކުން ސާވިސް ޗާޖް މީގެ ފަހުން ދޭނީ ދިވެހި ރުފިޔާއިން ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.
ސަން ސިޔާމް ކުންފުނިން މި މަހުގެ 13 ވަނަ ދުވަހު އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވާފައިވާ މެމޯ އެއްގައި ބުނީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަލަށް ގެނައި ބަދަލުތަކާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ކަމާގުޅުންހުރި އިދާރާތަކާއެކު އެކި ފަހަރު މަތިން މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެހެންނަމަވެސް މިހާތަނަށް އެކަމުގައި އެދެވޭ ހައްލެއް ލިބިފައިނުވާ ކަމަށެވެ.
ސަން ސިޔާމް ކުންފުނިން ބުނީ، މިހާތަނަށްވެސް އެ ކުންފުނިން މުވައްޒަފުންނަށް ސާވިސް ޗާޖް ދެމުން ގެންދިޔައީ ޑޮލަރުން ކަމަށްވީ ނަމަވެސް، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިމަތިވި މާލީ ގޮންޖެހުންތަކާ އެކު މުވައްޒަފުންނަށް ސާވިސް ޗާޖު ޑޮލަރުން ދޭން ދަތިވެފައިވާ ކަމަށެވެ. އެހެންކަމުން މި މަހުގެ ފުރުތަމަ ދުވަހުން ފެށިގެން، އެ ކުންފުނީގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުންނަށް ސާވިސް ޗާޖު ދޭނީ ދިވެހި ރުފިޔާއިން ކަމަށް އެ މެމޯގައި ބުނެފައިވެ އެވެ.
އަދި ހަމައެހެންމެ، މިހާތަނަށް ދިވެހި ރުފިޔާ އެކައުންޓު ނުހުޅުވާ މުވައްޒަފުން ވީ އެންމެ އަވަހަށް އެކައުންޓް ހުޅުވައި ބޭންކް އެކައުންޓުގެ މައުލޫމާތުތައް އެޗްއާރާ ހިއްސާކުރުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.
ސަން ސިޔާމް ކުންފުނީގެ ދަށުން މިވަގުތު ހަ ރިސޯޓެއް އަންނަނީ ހިންގަމުންނެވެ. އެއީ، ސަން ސިޔާމް އިރުފުއްޓާއި، ސަން ސިޔާމް އިރުވެއްޔާއި، ސަން ސިޔާމް ވިލު ރީފާއި، ސަން ސިޔާމް ޕަސިކުޑައާއި، ސަން ސިޔާމް އޮޅުވެލީގެ އިތުރުން ސަން ސިޔާމް ވޯލްޑެވެ. އެ ކުންފުނީ ދަށުން ހިންގާ ރިސޯޓުތަކުގައި ގާތްގަނޑަކަށް 2،000 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.





