އުމުރުން ދުވަސްވީ ކޮންމެ މީހަކީ ގައުމަށް ތަޖުރިބާގެ އަގުހުރި މުތެއް ކަމަށާއި އެއިން ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށްވުމަށާއި ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ އޮތުމަކީ ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތު ކަމުގައެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ހިއްސާކުރައްވާފައެވެ.
ދިރިއުޅުމުގެ ހަގީގަތްތައް ދަސްވަނީ ގިނަދުވަހު ދުނިޔެ އުޅެ ލިބޭ ތަޖުރިބާތަކުން ކަމަށާއި ދޮށީ އުމުރުގެ މާމަކާފައިންނާއި މައިންބަފައިންގެ އިތުރުން ދައްތައިންނާއި ބޭބެއިންގެ ހިތްހެޔޮ ސާދާ މިޒާޖާއި، ވިސްނުމުގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭކަމުގައި އެކަމަނާ ވިދާޅުވިއެވެ.