އޮޑިޓް ރިޕޯޓާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށައިފި ކަމަށް ފެނަކައިން ބުނެފި

އައިޝަތު ޝިފްނާ ހުސައިން | 3 ގަޑިއިރު ކުރިން - 1 އޮކްޓޯބަރު 2025 16:35
ފެނަކަ އޮފީހެއް.--ފޮޓޯ: ދަޕްރެސް
ފެނަކަ އޮފީހެއް.--ފޮޓޯ: ދަޕްރެސް
ޚުލާސާ

އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިިން ހިންގާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލާނެ ކަމަށް ފެނަކައިން ބުނި.

އޮޑިޓާ ރިޕޯޓާ ގުޅިގެން އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށައިފި ކަމަށް ފެނަކައިން ބުނެފި އެވެ.

މިކަމާއި ގުޅިގެން ފެނަކައިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ކުންފުނީގެ މުދަލާއި ހިދުމަތް ހޯދުމުގެ އުސޫލުތަކާއި ކުންފުނިިން ހިންގާ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި އެކަންކަން ބެލެހެއްޓުމުގެ ކަންކަން ކުރިއަށްދަނީ ކަނޑައެޅިފައިވާ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމަށް އިތުރު މޮނިޓަރިން ނިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ.

މީގެއިތުރުން ފެނަކަގެ ހިންގުމުގެ އޮނިގަނޑު ހަރުދަނާކުރުމަށާއި، ސްޓޭކްހޯލްޑަރުންނާ މުއާމަލާތްކުރުމުގެ ނިޒާމު ވަރުގަދަ ކުރުމަށާއި، ރިޕޯޓުކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށްޓަކައި ކުންފުނިން ކުރެވެންހުރި އެންމެހައި ކަންކަން ދެނެގަނެ އެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.

އޮޑިޓް އޮފީހުނުް ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓުން ދައްކާގޮތުން ފެނަކަ ކޯޕަރޭޝަނުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް، ޖަނަރޭޓަރު ސެޓާއި، ކޭބަލް އަދި ޓްރާންސްފޯމަރު ގަތުމާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމާއި އެ މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކުރުމަށް ޖުމުލަ 674 އެއްބަސްވުމެއްގެ ދަށުން 2,239,640,958 ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވެ އެވެ. މި އެއްބަސްވުންތަކުގެ ތެރެއިން 439 އެއްބަސްވުމެއްގެ ދަށުން 1,373,126,496 ރުފިޔާގެ މުދަލާއި ހިދުމަތް ހޯދުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވަނީ، މުދަލާއި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިއުލާން ނުކޮށް އަދި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުންނެވެ.

އޮޑިޓް ރިޕޯޓުން ފާހަގަވާ އިތުރުކަމަކަށް ފެނަކައިގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް އެކި ރަށްރަށުން އެހެން ރަށްތަކަށް މުދާ އުފުލުމުގައި ދޯނި ފަހަރާއި ލޭންޑިން ކްރާފްޓްތައް ކުއްޔަށް ނެގުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ 612 އެއްބަސްވުމެއްގެ ދަށުން 191,602,363 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މީގެ ތެރެއިން 344 އެއްބަސްވުމެއްގެ ތެރެއިން ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް ކުއްޔަށް ހިފާފައިވަނީ މާކެޓް އަގަށް ވުރެ ބޮޑުކޮށްކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން މާކެޓް އަގުތަކަށްވުރެ ގާތްގަނޑަކަށް 47,546,407 ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ފެނަކައިން އާ އިންޖީނުގެއާއި އޮފީސް އިމާރާތް އެޅުމުގެ 57 މަޝްރޫއެއްގެ ދަށުން 1,069,248,952 ރުފިޔާ ހަރަދުކޮށްފައިވާއިރު އޭގެ ތެރެއިން 41 ޕްރޮޖެކްޓެއް އޮތީ ނުނިމި އެވެ. މި މަޝްރޫތައް ނިންމުމަށް ގާތްގަނޑަކަށް އިތުރު 241,147,138 ރުފިޔާ ބޭނުންވާނެކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި މި މަޝްރޫތަކަށް ފެނަކައިން ދޫކޮށްފައިވާ ފައިސާ އާއި މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ފެނަކައިން މާކެޓް އަގަށްވުރެ ގާތްގަނޑަކަށް 767,321,215 ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާކަންވެސް ވަނީ ހާމަވެފަ އެވެ.

ފެނަކައިގެ ކޮރަޕްޝަނުގެ މައްސަލައިގައި އެކުންފުނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ކްރިމިނަލްކޯޓުގައި ދައުވާތައް އުފުލާފައިވާއިރު ބައެއް ދައުވާ ސާބިތުވެ އޭނާ ހަތަރު އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%