މި އަހަރުގެ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލާން މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.
އެ ވުޒާރާއިން ބުނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަފްލާގައި މަސްވެރިންނަށް އެވޯޑް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެވޯޑް ދޭ ތިން ދާއިރާ:
- މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
- މިހާރު ވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)
- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑް.
މިފަހަރުގެ އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައި އެވެ.
އެ ވުޒާރާއިން ބުނީ ތިން އެވޯޑުގެ ތެރެއިން އެވޯޑަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް ފުރިހަމަ ކުރުމަށް ފަހު އޮކްޓޯބަރު މަހުގެ 23 ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށެވެ. އެވޯޑުތަކަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ދެ ފޯމު އެ ވުޒާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ.