ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް އެމްއެންޑީއެފްއިން ފަށައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 3 ގަޑިއިރު ކުރިން - 1 އޮކްޓޯބަރު 2025 14:08
އެމްއެންޑީއެފްއިން ކުރިއަށްގެންދާ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕްރޭޝަނުގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް---
އެމްއެންޑީއެފްއިން ކުރިއަށްގެންދާ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ އޮޕްރޭޝަނުގެ ތެރެއިން: ފޮޓޯ/ އެމްއެންޑީއެފް---
ޚުލާސާ

މި އޮޕަރޭޝަނަކީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވަމުން ދާތީ ކުރިއަށްގެންދާ އޮޕަރޭޝަނެއް.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

އެމްއެންޑީއެފުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމުން، ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވަމުން ދާތީ ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކުރެވިފައި ވޭތޯ އެމްއެންޑީއެފުން ބަލަމުން ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

މީގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

މި އޮޕަރޭޝަނުގެ ދަށުން، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ޗެކްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ ގޮތުން ހެދިފައިވާ ކަނޑުމަތީގެ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މި ފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ދޭ އެއްބާރުލުމަށް އެމްއެންޑީއެފްއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%