ދުނިޔެއަށް މަޝްހޫރު އަދި ރާއްޖޭގައި ވެސް މިހާރު ޓްރެންޑަކަށް ވެފައިވާ ރާމެން ކެއުމުން އުމުރު ކުރުވާ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.
ހަފްތާއަކު އެއްފަހަރަށް ވުރެ ގިނައިން ރާމެން ކެއުމަކީ އަވަހަށް މަރުވުމުގެ ނުރައްކާ އިތުރުވެދާނެ ކަމެއް ކަމަށް ސައިންސްވެރިން އިންޒާރު ދެ އެވެ. ދިރާސާކުރާ ފަރާތްތަކުން ހޯދި ހޯދުންތަކުން ފެންނަ ގޮތުގައި އާންމުކޮށް ރާމެން ކައި އުޅެނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. މި ކަމުގެ ސަބަބުން ލޭ މައްޗަށް ދިއުމާއި ހަކުރުބަލި ޖެހުން ފަދަ ނަތީޖާތަށް ކުރިމަތިވެ އެވެ.
މީގެ އިތުރުން ކެންސަރާއި، ހިތުގެ ބަލިތަކަށް ވެސް ރާމެންގައި އެކުލެވޭ މާއްދާތަކުން މަގުފަހިވެ އެވެ. އަދި އޭގައި ގިނަ އަދަދަކަށް ލޮނު ހުރުމުގެ ސަބަބުން ސްޓްރޯކް ޖެހުމާއި ގޭސްޓްރިކް މައްސަލަތައް ކުރިމަތިވުން ފަދަ ކަންތައްވެސް ހިމެނެ އެވެ.
މިފަދަ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދިރާސާވެރިން ލަފާދެއްވަނީ ކޮންމެ ދުވަހަކު ރާމެން ކެއުމުގެ ބަދަލުގައި ދޭތެރެ ދޭތެރެއިން މަދުން ކެއުމަށެވެ. އަދި އެންމެ މުހިންމު ކަމަކަށް ރާމެން ސޫޕުގައި ހާއްސަކޮށް ގިނަ އަދަދެއްގެ ލޮނު ހިމެނުމުގެ ސަބަބުން އެކަމުން ދުރުހެލިވުމަށް އިލްތިމާސްކުރެ އެވެ.