އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި، މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 01:17 ކަންއެހާއިރު އައްޑޫ ސިޓީ ހިތަދޫގައި ހިނގި މި މާރާމާރީގައި 34 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭނާއަށް މި ވަގުތު އިކުއަޓރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ސަންރީފް، އަލީ އަސްއަރު (30އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ، 30 ދުވަހުގެ މުއްދަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށް ފުލުހުން ވަނި ބުނެފަ އެވެ.