ދުނިޔޭގެ އެންމެ މޮޅު ފުޓްސެލް ކުޅުންތެރިޔާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ޕޯޗުގަލަށް އުފަން ރިކާޑޯ ފިލިޕޭ ޑަ ސިލްވާ ބްރާގާ ނުވަތަ "ރިކާޑީނިއޯ" ގެ ކުޅުން ފުޓްސެލަށް ލޯބިކުރާ ދިވެހި އާއިލާތަކުގެ ހަމަލޮލަށް މިރޭ ފެނިއްޖެ އެވެ.
ރިކާޑީނިއޯ އަތުން ބޯޅަ ހޯދުމަށް ސްޓެލްކޯގެ އަހުއްކޮ މަސައްކަތް ކުރަނީ - ފޮޓޯ: ޚުލާސާ
މި މަހުގެ ތިންވަނަ ދުވަހު 40 އަހަރު ފުރުނު ރިކާޑީނިއޯ، ރާއްޖޭގައި 2005 ވަނަ އަހަރުން ފެށިގެން ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކަމަށްވާ "ކުލަބް މޯލްޑިވްސް ކަޕް" ގައި އެޗްޑީސީއަށް ކުޅެން ރާއްޖެ އައިސްފައިވަނީ ނިމިދިޔަ މަހުގައެވެ. މިއީ ރާއްޖޭގެ ފުޓްސެލް ތާރީހުގައި ވެސް މިފަދަ މޮޅު ކުޅުންތެރިއެއް ރާއްޖޭގެ ކުލަބަކުން ގެނައި ފުރަތަމަ ފަހަރެވެ. އަދި މިވަރުގެ އިންވެސްޓްމަންޓެއް ރާއްޖޭގެ ކުލަބަކުން ކުރާ ފުރަތަމަ ފަހަރެވެ.
ޔޫރަޕުގެ އެންމެ މަތީ ފަންތީގެ އެތަކެއް މުބާރާތެއް ކުޅެފައިވާ ރިކާޑީނިއޯ ވަނީ 2021 ވަނަ އަހަރު ޕޯޗުގަލްއާއެކު ފީފާ ފުޓްސަލް ވޯލްޑު ކަޕުގެ ތަށި ހޯދާފައެވެ. އަދި 2018 ވަނަ އަހަރު ޔޫއެފާ ފުޓްސަލް ޔޫރޯގެ ތަށިވެސް ވަނީ ލިބިފައެވެ.
ޕޯޗުގަލް ޓީމާއެކު ރިކާޑީނިއޯ ވޯލްޑް ކަޕުގެ ތަށި އުފުލާލަނީ - ފޮޓޯ: ޔޫއެފާ
ރިކާޑީނިއޯ ވަނީ ޔޫއެފާ ފުޓްސެލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރު އަދި ދުނިޔޭގެ ފުޓްސެލް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދެ ފަހަރު ހޯދާފައެވެ. ޔޫއެފާ ފުޓްސެލް މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ދެފަހަރު އޭނާ ހޯދާފައިވެއެވެ.
ގިނަ ކާމިޔާބިތަކަކާއެކު މިއަހަރު އޭނާ ވަނީ ޕްރޮފެޝަނަލް ފުޓްސެލްއިން ރިޓަޔަކުރިކަން އިއުލާން ކޮށްފައެވެ.
ކުލަބް މޯލްޑިވްސް ކަޕު ހޮނިހިރު ދުވަހުގެ ރޭ ފަށާފައިވާއިރު އެޗްޑީސީގެ މެޗެއް މިރޭ ވަނީ ކުޅެފައެވެ. ސްޓެލްކޯއާ ވާދަކޮށް އެޗްޑީސީން ވަނީ 1-2 ގެ ނަތީޖާއިން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ރިކާޑީނިއޯ ވަނީ އެސިސްޓެއް ކޮށްފައެވެ.
މިރޭގެ މެޗަށް ފަހު ރިކާޑީނިއޯ ކުޑަކުދިންތަކަކާއެކު - ފޮޓޯ: ޚުލާސާ
މިރޭގެ މެޗުގައި އެޗްޑީސީއަށް ގޯލުތައް ޖަހާފައިވަނީ ހުސައިން ޝަރީފު (އޮންލީ) އަދި ބޭރު ކުޅުންތެރިޔާ ހަލީލެވެ. ސްޓެލްކޯގެ ގޯލު ޖަހާފައިވަނީ އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.