މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި، އެފަރާތްތަކުގެ ބޭނުންތައް ފުއްދަވާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 29 ސެޕްޓެންބަރު 2025 23:33
މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް މަސައްކަތްކުރާ ކެއުޅުން ޖަމިއްޔާއާ ރައީސް ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް މަސައްކަތްކުރާ ކެއުޅުން ޖަމިއްޔާއާ ރައީސް ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެކަމަށް ރައީސް ވިދާޅުވި

މަސްވެރިންގެ އަޑުއައްސަވައި، އެފަރާތްތަކުގެ ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ. ރައީސް މި ޔަގީންކަން ދެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި، މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް މަސައްކަތްކުރާ ކެއުޅުން ޖަމިއްޔާއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. މިއީ ރައީސް ކެއުޅުންނާ ބައްދަލުކުރެއްވި ތިންވަނަ ފަހަރެވެ.

މި ބައްދަލުކުރެއްވުމުގައި، ކެއުޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސް އާއި ހިއްސާކުރައްވާފަ އެވެ. އެގޮތުން މަސްވެރިން އެންމެ ބޮޑަށް ބޭނުންވީ، މަސްކިލޯއެއް ގަންނަ އަގު ވިހި ރުފިޔާއަށް ބޮޑުކުރާނެ ތާރީހަކާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށެވެ.

މީގެއިތުރުން، މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިން ވަނީ ރާއްޖޭގެ އެންވެރިކަން ދަށްވުމާއި، މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދުމުގައި ހުރި ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސް ހޯދުމަށް ދިމާވާ ދަތިތައް ފާހަގަކުރައްވާފަ އެވެ. އަދި މިފްކޯގައި މަސްކިރުމަށް ހުންނަ ކައްޓާތައް ޑިޖިޓަލް ކައްޓާއަށް ބަދަލުކުރުމަށްވެސް ކެއުޅުން އެދިވަޑައިގެންފައިވެއެވެ. މިގޮތުން، ރާއްޖޭގައި މިހާރު އެންވެރިކަން އެންމެ ރަނގަޅު އަތޮޅަކީ ވ. އަތޮޅުކަން ފާހަގަކުރައްވައި، ރާއްޖޭގެ ވަކިވަކި ސަރަހައްދުތަކުގައި މަސްވެރިކަމާއި މަސްކިރުވުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތުވެސް ކެއުޅުން ވަނީ ރައީސް އާއި ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްގަންނަ އަގު ބޮޑުކުރެވޭނީ، މަސްކިރާތާ ސާޅީސް އަށް ގަޑިއިރުތެރޭ ފައިސާދިނުމުގެ ކަންކަން މެދުނުކެނޑޭނެކަން ޔަޤީންވެ، ކަންކަން އެގޮތަށް ހަމަޖެހުމުން ކަމަށެވެ. ނަމަވެސް މަސް ގަންނަ އަގު ބޮޑުކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެއުޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މަސްވެރިންނަށް ބޭންކުން ދޫކުރާ ލޯނަށް އެދޭގޮތް ފަސޭހަކޮށްދެއްވުމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުން މަދުކުރެވޭނެގޮތަކަށް އެކަން ކުރެވޭނެތޯ ބޭންކަށް އަންގަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ވ. އަތޮޅުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫއުތައް ކުރިއަށްގެންދަވާނީ މަސްވެރިންނާއި މަޝްވަރާކުރައްވައިގެން، މަސްވެރިންގެ ހިޔާލާއި އެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި އެސްޓީއޯއިން ތެޔޮވިއްކާ އަގުގައި ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ތެޔޮވިއްކުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާގޮތުގެ ތަފްސީލް ކެއުޅުންނާ ހިއްސާކުރައްވައި، އެ މަސައްކަތް އަންނަ އަހަރުގެ މާރިޗް މަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މިފްކޯއިން ތެޔޮވިއްކަން ފަށަން ކުރަމުންދާ މަސައްކަތުގެ ތަފުސީލުވެސް މިބައްދަލުކުރެއްވުމުގައި ކެއުޅުންނާ ހިއްސާކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މަސްވެރިންނާއި ކެއުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެގޮތަށް، ވީހާވެސް އަވަހަށް ކަންކަން ކުރައްވައި، މަސްވެރިންނާ އަދި ކެއުޅުންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%