ހަތަރު އަތޮޅުގެ މީހުން ދިރިއޅޭ ރައްތަކަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގެންފައި ވަނީ ވ. އަތޮޅަށާއި، މ. އަތޮޅާއި، ފ. އަތޮޅާއި ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށެވެ. މި ދަތުރުފުޅުގައި ރައީސް އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ކޮމިޓީތަކާއި އަދި ރައްޔިތުންނާއި ބައްދަލުކުރައްވައި އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން މަޝްވަރާކުރެއްްވިއެވެ.
އަދި އެކި ރަށްރަށުގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައްވެސް މި ދަތުރުފުޅުގައި ރައީސް ފައްޓަވައިދެއްވައި އެއްބަސްވުންތަކުގައި ސޮއި ކުރެއްވިއެވެ.
އެގޮތުން، ބައެއް ރަށްރަށުގައި އާރްޓީއެލް ފެރީ ނިޒާމުގެ ހިދުމަތް ފެއްޓެވުމާއި، ވައިގެ ބަނދަރުތަރައްގީ ކުރުމުގެ މަޝްރޫއުތައް ފެއްޓެވުން ހިމެނެއެވެ. މީގެއިތުރުން ހަތަރު އަތޮޅުގެ ބައެއް ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ވަނީ ފައްޓަވައިދެއްވާފައެވެ. އެގޮތުން އެ ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ އޭޓިއެމްގެ ހިދުމަތް ގާއިމުކުރެވިފައިއެވެ.
މީގެ އިތުރަށް ކުޅިވަރުގެ ދާއިރާ އާއި، ތައުލީމީ ދާއިރާ އަދި ސިއްހީ ދާއިރާގެ މަޝްރޫއުތަށް ކުރިއަށް ގެންދަވާނެ ކަމަށް ވެސް މި 4 އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނާއި ގާތުން މަސައްކަތްކުރެއްވުމަކީ މި ސަރުކާރުން އަހުމިއްޔަތުކަންދޭ ސިޔާސަތެެއް ކަމަށެވެ.