ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ، އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހިދުމަތް ފެށިގެން ދިއުމާއެކު، ރާއްޖޭގެ 13 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ވަނީ ދެވިގެން ގޮސްފަ އެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ މަޝްރޫއު އެއްކޮށް ނިންމާލުމަކީ ބީއެމްއެލްގެ އަމާޒެކެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި އޭޓީއެމް ގާއިމުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ގިނަ ގޮތްގޮތުން ފަސޭހަވެގެންދާނެ އެވެ
ރައީސް ތ. އަތޮޅުގެ ރަށްރަށަށް ކުރެއްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު އެންމެ ފުރުތަމަ ވަޑައިގެންނެވީ އެ އަތޮޅު ގާދިއްފުއްޓަށެވެ. އެ ރަށުގައި ވެސް ރައީސް ވަނީ، ބީއެމްއެލްގެ އޭޓީއެމް ހުޅުވައި ދެއްވައި، ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައި، ފިޓްނެސް އެންޑް ރީކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވައި، އަދި އެ ރަށު ބަނދަރުގެ މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވައިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި، ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ފެށުމުގެ އިތުރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ފައްޓަވައިދެއްވައިފަ އެވެ. އެ ގޮތުން ރަށްރަށުގައި ކުޅިވަރުގެ ދާއިރާއިންނާ، ތައުލީމީ ދާއިރާއިންނާ، ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ވަނީ ފައްޓަވައި ދެއްވައިފަ އެވެ.