އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ މާތްﷲގެ ޝަރީއަތް ދޫކޮށް އެހެން ގާނޫނުތަކަށް އަމަލުކުރުން: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 20 ދުވަސް ކުރިން - 26 ސެޕްޓެންބަރު 2025 13:21
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދުކުރަނީ: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ކީރިތި ގުރައާނާއި ނުލައި ދީން ފުރިހަމަ ނުވާ ފަދައިން ނަބިއްޔާގެ ސުންނަތާ ނުލައި ވެސް ދީން ފުރިހަމަ ނުވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައި.

އިސްލާމީ އުންމަތް މިއަދު ނިކަމެތިވުމުގެ މައިގަނޑު ސަބަބަކީ މާތްﷲގެ ޝަރީއަތް ދޫކޮށް، އެހެން ގާނޫނުތަކަށް އަމަލުކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މާތްﷲ އިންސާނުން މި ބިމުގައި ހަލީފާވެރިކުރައްވައި، އެ މީހުންނަށް ރަނގަޅު ގޮތާއި، ނުބައިގޮތް ބަޔާންކޮށްދެއްވުމަށްޓަކައި އެ މީހުންގެ ތެރެއިން ރަސޫލު ބޭކަލުން ފޮނުއްވި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ބުނެފަ އެވެ. އެ ހުރިހާ ރަސޫލު ބޭކަލުންވެސް ގޮވައިލެއްވީ އިސްލާމްދީނަށް ކަމަށާއި މުހައްމަދުގެފާނު އެންމެހައި މީސްތަކުންނަށް މާތްﷲގެ ހަޒުރަތުން ގެނެސްދެއްވި ދީނަކީވެސް އިސްލާމްދީން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

މާތްﷲގެ ކަލާމްފުޅާއި ނަބިއްޔާގެ ސުންނަތަކީ އިސްލާމް އޭގެ މައްޗަށް ބިނާވެގެންވާ ދެ މަސްދަރުކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. ހުތުބާގައި ބުނެފައިވާ ގޮތުގައި، ކީރިތި ގުރައާނާއި ނުލައި ދީން ފުރިހަމަ ނުވާ ފަދައިން ނަބިއްޔާގެ ސުންނަތާ ނުލައި ވެސް ދީން ފުރިހަމަ ނުވާނެ އެވެ.

އިންސާނުންނަށްޓަކައި މާތްﷲ ހިޔާރުކުރެއްވި ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ، އިންސާނުންގެ މައްޗަށް އޮތް ވާޖިބެއްކަމަށާއި، ކުރިއަށް އަންނަން އޮތް ޖީލުތަކަށް މި ދީނުގެ ސައްހަ އަގީދާ ފޯރުކޮށްދޭން ޖޭހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މިއަދުގެ ހުތުބާގައި، ގައިރު ދީންތަކުގެ މީހުން މުސްލިމުން ބައިބައިކޮށް، އިސްލާމްދީނާ މެދު އެކި ކަހަލަ ޝައްކުތައް އުފައްދައި، އިސްލާމީ އުންމަތް ނިކަމެތިކޮށް، މުސްލިމުންގެ ވަހުދަތު ނަގާލައި، އިސްލާމްދީނާ މީސްތަކުން ބީރަށްޓެހިކުރުމަށް މަސައްކަތްކުރާ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދުގެ ހުތުބާގައި، މުސްލިމުން އެބައިމީހުންގެ ދީނީ ޝަހުސިއްޔަތު ދެމެހެއްޓުމަކީ ދީނީ ޝިއާރެއްކަމަށާއި، އިސްލާމްދީނުގެ އަހުލުވެރިން ގައިރު ދީންތަކުގެ މީހުންނާ އެއްގޮތްވެގެން ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. އެ މީހުންގެ ދީނީ އިހުތިފާލުތަކުގައި ބައިވެރިވުމާއި، އެ މީހުންގެ އަޅުކަންތަކުގައި ބައިވެރިވެ އުޅުމަކީ، އިސްލާމީވަންތަކަން ގެއްލި، ދީނީ ޝަހުސިއްޔަތު ހަލާކުވެދާނެ ކަންކަން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މުޝްރިކުންނާއި އަހުލު ކިތާބީންނާ ވައްތަރުވެ އުޅުން ނަބިއްޔާ މަނާކުރައްވާފައިވާ ކަމެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ހުތުބާގައި، މާތްﷲގެ ހަޒުރަތުގައި ހަމައެކަނި ދީނަކީ އިސްލާމްދީން ކަމަށް ވިޔަސް އެ ދީނުގެ އަދާވާތްތެރިން މާތްﷲ ބާވައިލައްވާފައިވާ ހުކުމްތަކަށް އިންކާރުކޮށް އިސްލާމްދީން ނައްތައިލުމަށް މަސައްކަތްކުރާ ކަމަށް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެފަދަ މީހުން، އިސްލާމްދީން ބާރުވެރި ދީނެއްގެ ގޮތުގައި އޮންނަށް ނުރުހޭކަމަށާއި، އެބައިމީހުން ބޭނުންވަނީ އެ މީހުންގެ ކޮށި ވިސްނުން މާތްﷲގެ ޝަރީއަތުގެ މައްތަށް އިސްކުރުމަށް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ހުތުބާގައި، އިސްލާމްދީނާ ދެކޮޅު މީހުން ދެކޭ ގޮތުގައި، މުސްލިމުން ބޭނުންވާ ނަމަ މާތްﷲގެ ޝަރީއަތުގެ މައްޗަށް އެމީހުންގެ ގާނޫނުތައް އިސްކުރެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެފަދަ މީހުން މީސްތަކުންނަށް ވިސްނައިދެނީ މާތްﷲގެ ހުކުމްފުޅުތަކަކީ ހަމައެކަނި ރަސޫލާގެ ހަޔާތްޕުޅުގައި ތަންފީޒުކުރަން ބާވައިލެއްވި އެއްޗެއްކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. ނަތީޖާއަކީ މިއަދު އިސްލާމީ އުންމަތް ނިކަމެތިވުމުގެ ސަބަބަކީ، މާތްﷲގެ ޝަރީއަތް ދޫކޮށް އަމިއްލައަށް ކަނޑައަޅާ ގާނޫނުތަކަށް އަމަލުކުރުން ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

ގުރްއާނާއި ސުންނަތުގައިވާ އަމުރުތަކާއި އިރުޝާދުތަކަށް ތަބާވެ، މާތްﷲ އަމުރުކުރައްވާފައިވާ ފަދައިން ބައިބައިނުވެ، އެކަލާނގެ ދީނުގައި ސާބިތުވެ ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%