ގުރައިދޫ އެއަރޕޯޓު 2027ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 5 ދުވަސް ކުރިން - 25 ސެޕްޓެންބަރު 2025 00:51
ރައީސް ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ރައީސް ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ގުރައިދޫ އެއަރޕޯޓަކީ، އެ ރަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދައިދިނުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ވެގެންދާނެކަމަށް ރައީސް ވިދާޅުވި.

ކޮޅުމަޑުލު ގުރައިދޫގައި ތަރައްޤީކުރަމުންދާ އެއަރޕޯޓު 2027 ވަނަ އަހަރުގެ މިނިވަން ދުވަހު ހުޅުއްވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮޅުމަޑުލު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ގުރައިދޫ އެއަރޕޯޓަކީ، އެ ރަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދައިދިނުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށް ވެގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއަރޕޯޓު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މާދަމާއިން ފެށިގެން 22 މަސް ދުވަހުގެ ތެރޭގައި ނިމޭނޭކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ސަރަހައްދީ ގުޅުންތައް ބަދަހިކުރުމެވެ.

މީގެ އިތުރުން، ގުރައިދޫގައި އެއަރޕޯޓެއް ބިނާކުރަމުން ދާއިރު ލާމަރުކަޒުކުރާ ހިދުމަތްތައް އެ ރަށުން ލިބެންޖެހޭނޭކަން ފާހަގަކުރައްވައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް، މި ނޮވެންބަރު މަހު އެ ރަށުގައި ފައްޓަވާނޭކަމަށް އެމަނިކުފާނު ވަނީ އިއުުލާން ކުރައްވާފަ އެވެ. މިއީ ރައްޔިތުންނަށް ދިރިއުޅުން ފަސޭހަކޮށްދިނުމުގެ ގޮތުން ކުރައްވާ މަސައްކަތެކެވެ.

ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގެދޮރު ބިނާކުރުމަށް ރަހުނަކާ ނުލައި، ތިން މިލިޔަން ރުފިޔާ އާ ހަމައަށް ފައިސާ ދޫކުރާ ލޯން ސްކީމް، ބޭންކް އޮފް މޯލްޑިވްސް އިން ދާދި އަވަހަށް ހުޅުވާލައްވާނޭކަމަށެވެ. އަދި ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް، އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫއެއް، އަންނަ އަހަރު ގުރައިދޫގައި ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ.

ރަށަށް އަމާޒުކުރެވޭ އިތުރު މަސައްކަތްތަކުގެ ތެރޭގައި، އެ އަތޮޅު ގާދިއްފުށީގައި ހިންގާ ބިންހިއްކުމުގެ މަޝްރޫއުގައި ހިމެނިގެން، ގުރައިދޫއަށް ބޭނުންވާ ހަތް ހެކްޓަރުގެ ބިންވެސް ހިއްކާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ބަނދަރު ބޮޑުކޮށް، ތަރައްޤީކުރުމުގެ މަޝްރޫޢެއް ހިންގަވާނޭކަމަށްވެސް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން ހުއްޓިފައިވާ ސްކޫލްގެ މަސައްކަތް އަލުން ފައްޓަވައި، އާ ދިރާސީ އަހަރަށް މަސައްކަތް ނިންމަވައިދެއްވާނޭ ކަމަށާއި، މި އަހަރުގެ ތެރޭގައި ޒަމާނީ ކުޑަކުދިންގެ ޕާކެއްގެ މަސައްކަތް ގުރައިދޫގައި ފައްޓަވާނޭކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަޤުސަދަކީ ގުރައިދޫގެ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ގެނައުމާއި، ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ފޯރުކޮށްދިންކަމަށް ސަރުކާރުން ފާހަގަކުރި އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%