ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފި އެވެ.
އެގޮތުން ޓާމިނަލް އެކަކުން އިންޑިގޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހްމަދު ފަސީހު އެވެ،
މި ރަސްމިއްޔާތުގައި ޑެޕިއުޓި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު އަޝްފާން، އެމްއޭސީއެލްގެ ޑެޕިއުޓި މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް، އިންޑިއާ މޯލްޑިވްސްގެ ޗީފް ސެކިއުރިޓީ އޮފިސަރު އަދި އެއާޕޯޓް މެނޭޖަރު ނިކިލް ވަރުމާ އަދި އެމްއޭސީއެލްއާއި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އިންޑިގޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި 218 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް އެކަކަށް ކައިރި ކުރި އިންޑިގޯގެ ފުރުތަމަ މަތިންދާބޯޓު، 6E1127 އަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެއައި 229 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އިންޑިގޯއަކީ އިންޑިޔާގެ އެންމެ ބޮޑު އަދި އޭޝިޔާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިންޑިގޯއަކީ ޓާމިނަލް އެކަކުން ހިދުމަތް ދޭންފެށި އަށްވަނަ އެއާލައިނެވެ.
ޓާމިނަލް އެކަކުން މިހާރު ހިދުމަތްދޭ އެއާލައިންތަކަކީ، މޯލްޑިވިއަން، އެއާ އަރަބިއާ، ބިއޯންޑް، ފިޓްސް އެއާ، އަދި ބެއިޖިން ކެޕިޓަލް އެއާލައިންސް، ބަޓިކް އެއާ، ބެންކޮކް އެއާވޭސް އަދި އިންޑިގޯ އެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.