ތ. ވަންދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ވަންދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ދެއްވާފައިވަނީ، އެމަނިކުފާނު މިހާރު ތ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ، ވަންދޫ ބަނދަރުގެ މަސައްކަތާއި، ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަކީ އެ ރަށަށް ނުހަނު ބޮޑަށް މިވަގުތު ބޭނުންވާ ކަމެއްކަމަށެވެ. އެ ރަށަށް ކައުންސިލްގެ އާ އިމާރާތެއް ވެސް މުހިއްމުކަަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
ކުޅިވަރުގެ ދާއިރާއަށް ބަލާލާއިރު، ވަންދޫގައި ފިޓްނެސް އެންޑް ރީކްރީއޭޝަން ސެންޓަރުގެ މަސައްކަތް ވެސް ވަރަށް އަވަސް މުސްތަގުބަލެއްގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ވަންދޫ ފުޓްސަލް ދަނޑުގައި ޓާފު އެޅުމާއި، ލައިޓްޖެހުމުގެ މަސައްކަތް މިހާރު ވަނީ ފެނަކައާ ހަވާލުކޮށްފަ އެވެ. އަދި އެ ދަނޑުގެ ބާކީ އެހެން މަސައްކަތްތައް ކައުންސިލުން ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ވަންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، މި އަހަރުގެ ތެރޭގައި އެ ރަށު ސިއްހީ މަރުކަޒުގެ މަސައްކަތްތައް ވެސް ފެށިގެން ދާނެ އެވެ. މީގެ އިތުރުން ސްކޫލަށް އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެން ދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އަންނަ 2026 ވަނަ އަހަރުގެ ތެރޭގައި ވަންދޫގެ މަގު ހެދުން ބަޖެޓްގައި ހިމަނާނެ ކަމަށާއި، މި މަޝްރޫއު ކުރިއަށް ގެންދަވާނީ އެ ރަށުގެ ރަައްޔިތުން ބޭނުންވާ ކޮންސެޕްޓަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެ ރަށުގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ކުރިއަށްދާނެ ކަމަށާއި، އޭގެތެރޭގައި ކުޑަކުދިން ޕާކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި، އައުޓްޑޯ ޖިމް ގާއިމްކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ވަންދޫގައި މިހާރު ތަރައްގީކުރަމުން އަންނަ މިސްކިތުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންގޮސް އަންނަ 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމާލެވޭނެކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.









