ތ. ވިލުފުށީ ބިން ހިއްކުމާއި އެއާޕޯޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވިލުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މިއަދު ހެނދުނު އެ ރަށުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
ވިލުފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ވިލުފުށި އެއާޕޯޓް ތަރައްގީކޮށް އޮޕަރޭޓް ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ.
މި މަޝްރޫއުގެ ދަށުން ވިލުފުށި އެއާޕޯޓް ތަރައްގީ ކުރާނީ 1,800 މީޓަރު ދިގު ރަންވޭއަކާއި ފުރިހަމަ ޓާމިނަލަކާއި އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއެކު އެވެ.
ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށު ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި، ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ވިލުފުށީ އެއާޕޯޓުގެ މަސައްކަތް ދެ އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެ ކަމަށެވެ.