ވިލުފުށީ މަސްޖިދު އުމަރު ފާރޫގް އަކީ އިސްލާމީ މަރުކަޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
މަސްޖިދު އުމަރު ފާރޫގް އަކީ އިސްލާމީ މަރުކަޒެއް ކަމަށް ރައީސް ޑރ. މުއިއްޒު ކަނޑައެޅުއްވީ، އެމަނިކުފާނު ތ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވިލުފުއްޓަށް ވަޑައިގެންނެވެ. އަދި އެތަނަށް ބޭނުންވާ ލައިބްރަރީއާއި ކްލާސްރޫމާއި އެހެނިހެން ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވިލުފުށީ ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށު މަސްޖިދް އުމަރު ފާރޫގް އަކީ އިސްލާމީ މަރުކަޒެއް ކަމަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
މިވަގުތު ވެސް މި މިސްކިތުގައި ގްރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހިންގަމުންދެ އެވެ.
ވިލުފުށީ މަސްޖިދު އުމަރު ފާރޫގް މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. މިއީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ވިލުފުށީގައި ބިނާކޮށްފައިވާ މިސްކިތެކެވެ.









