މަޑިފުށީގައި އަންނަ އަހަރު 50 ހައުސިންގ ޔުނިޓުގެ މަޝްރޫއެއް ފަށާނަން: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 7 ދުވަސް ކުރިން - 23 ސެޕްޓެންބަރު 2025 23:48
ރައީސް މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ؛ ރައީސް އޮފީސް
ރައީސް މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ؛ ރައީސް އޮފީސް
ޚުލާސާ

މަޑިފުށީގެ ގެދޮރުވެރިކަމުގެ މަޝްރޫއު ކުރިއަށްގެންދަވާނީ ކައުންސިލް މެދުވެރިކޮށް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށްކަމަށް ރައީސް ވިދާޅުވި.

އަންނަ އަހަރު މަޑިފުށީގައި 50 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ ބޮޑު މަޝްރޫއެއް ކުރިއަށްގެންދަވާނެކަމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅެއްގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ގެދޮރުވެރިކަމަކީ ދިވެހި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މަޑިފުށީގެ ގެދޮރުވެރިކަމުގެ މަޝްރޫއު ކުރިއަށްގެންދަވާނީ ކައުންސިލް މެދުވެރިކޮށް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ވަކި ސަރަހައްދެއްގައި ހިންގާ މަޝްރޫއްއްގެ ގޮތުގައި ނުވަތަ އަމިއްލަ ގޯތިތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރާ ގޮތަށްވެސް މި މަޝްރޫއު ހިންގަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

މިދަތުރުފުޅުގައި ހިމެނިގެން މިއަދު މަޑިފުށީގައި ވަނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ފައްޓަވައިދެއްވާފަ އެވެ. އެގޮތުން، ސްކޫލްގެ އާ އިމާރާތުގެ ބިންގާ އެޅުއްވުމުގެ އިތުރުން، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވާފަ އެވެ. ރައީސް ވިދާޅުވީ މި މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނޭކަމަށެވެ.

މީގެ އިތުރުން، ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނޭ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ވެހިކަލެއްވެސް މަޑިފުއްޓަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި، ކޮޅުމަޑުލު މަޑިފުށީގެ އިހްތިސާސްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމެނުއްވިކަމުގެ ލިޔުން މަޑިފުށީ ކައުންސިލާ ވަނީ ހަވާލުކުރައްވާފަ އެވެ. ރައީސް ޤަރާރަކުން، މި ދެ ރަށް، މަޑިފުށީގެ އިހްތިސާސްގައި ހިމަނައި، އިހްތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓު ޖަދުވަލުކޮށް، މިމަހުގެ 18 ވަނަ ދުވަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވާފަ އެވެ.

ރައީސް ވަނީ ރައްޔިތުންގެ އުފާފާގަތިކަމާއި، ހެވާއި ލާބައާއި، މުސްތަޤުބަލަށްޓަކައި މި ދެ ރަށުގެ ބޭނުން ހިފުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުން ފުރިހަމައަށް އެއްބާރުލުންދެއްވާނޭކަމަށް ޔަޤީންކަން ދެއްވާފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%