ޕިލާޓީސް އަށް ހާއްސަ ސްޓޫޑިއޯއެއް ފުރަތަމަ ފަހަރަށް މާލޭގައި ހުޅުވައިފި

އައިޝަތު ޝިފްނާ ހުސައިން | 8 ދުވަސް ކުރިން - 22 ސެޕްޓެންބަރު 2025 23:49
ބެލެންސް ސްޓޫޑިއޯ.---ފޮޓޯ: ހުލާސާ
ބެލެންސް ސްޓޫޑިއޯ.---ފޮޓޯ: ހުލާސާ
ޚުލާސާ

އެ ސްޓޫޑިއޯ ހެދިފައިވަނީ ތިން ކޮޓަރިއަކަށް ބަހާލެވޭ ގޮތަށެވެ. އެއީ ރިފޯމް ސްޓޫޑިއޯ އާއި، ޒެން ސްޓޫޑިއޯ އަދި ޗޭންޖިން ރޫމު.

ބެލެންސް ސްޓޫޑިއޯގެ ނަމުން ނަން ދެވިފައިވާ ޕިލާޓީސް އަށް ހާއްސަ ސްޓޫޑިއޯއެއް މާލޭގައި ހުޅުވައިފިއެވެ.

މި ސްޓޫޑިއޯ ހުޅުވީ މިއަދު ހަވީރު، މިނިސްޓަރު އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އަދި ކުރީގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާއެވެ.

ބެލެންސް ސްޓޫޑިއޯ އަކީ ދެރަހުމަތްތެރިންގެ މިންނަތް މަސައްކަތާއި ހިޔާލުތަކުން އުފެއްދި، އަންހެނުންނަށާއި މަންމައިންނަށް ހާއްސަ ސްޓޫޑިއޯއެކެވެ.

އެ ސްޓޫޑިއޯ ތައްޔާރު ކޮށްފައި ވަނީ ތިން ކޮޓަރިއަކަށް ބަހާލެވޭ ގޮތަށެވެ. އެއީ ރިފޯމް ސްޓޫޑިއޯ އާއި، ޒެން ސްޓޫޑިއޯ އަދި ޗޭންޖިން ރޫމެވެ.

މާބަނޑު މީހުންގެ ޔޯގާ އާއި އެކި ވައްތަރުގެ ޕިލާޓީސް ސާވިސް ބެލެންސް ސްޓޫޑިއޯއިން ލިބެން ހުންނާނެ ކަމަށް އެ ސްޓޫޑިއޯއިން ބުންޏެވެ. އެތަން ހުޅުވިފައި ހުންނާނީ ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްތި ދުވަހާއި ހަމައަށް، ހެނދުނު 6:00 އިން ހަވީރު 6:00 އާއި ހަމައަށެވެ.

ބެލެންސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގާ މި ސްޓޫޑިއޯއަކީ އަންހެނުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ހާއްސަކުރެވިފައިވާ ވެލްނެސް ސްޕޭސްއެއް ކަމަށް އެ ސްޓޫޑިއޯއިން ހާމަކުރިއެވެ. އަދި މައިގަނޑު އަމާޒަކީ އަންހެނުންނަށް ރައްކާތެރި އަދި ބާރުވެރިކުރުވަނިވި މާހައުލެއް ފޯރުކޮށްދިނުން ކަމަށްވެސް ބުންޏެވެ.

ބެލެންސް ސްޓޫޑިއޯއިން ނެރުނު ނޫސްބަޔާނުގައިވާ މައުލޫމާތު:

ހިދުމަތްތަކާއި ޕްރޮގްރާމްތައް

ބެލެންސް ސްޓޫޑިއޯގައި ޔޯގާ އަދި ޕިލާޓީސްއަށް ހާއްސަ ސެޝަންތައް ހިންގުމަށް ހަމަޖެހިފައިވެ އެވެ. މި ސެޝަންތައް ފަރުމާކުރެވިފައިވަނީ ހުރިހާ އުމުރުފުރައެއްގެ އަދި ހުރިހާ ފިޓްނެސް ލެވެލްއެއްގެ އަންހެނުންނަށް އަމާޒުކޮށްގެންނެވެ. ހާއްސަކޮށް މާބަނޑު އަންހެނުންނަށް އަމާޒުކޮށްގެން ވަކި ޕްރޮގްރާމްތަކެއް ހިންގުމަށް ރޭވިފައިވެއެވެ.

ޕްރޮފެޝަނަލް އިރުޝާދު

ކޮންމެ ކްލާހެއްވެސް ނަގައިދޭނީ ތަމްރީނު ލިބިފައިވާ ދާއިރާގެ ތަޖުރިބާކާރު ޕްރޮފެޝަނަލް އިންސްޓްރަކްޓަރުންގެ ބެލުމުގެ ދަށުންނެވެ. މި އިންސްޓްރަކްޓަރުން ކޮންމެ ބައިވެރިއަކަށްވެސް އަމިއްލަ ގާބިލުކަމާއި އެއްގޮތަށް ކުރިއަށްދިއުމުގެ ފުރުސަތު ދިނުމާއެކު، އެކަށީގެންވާ އިރުޝާދު ފޯރުކޮށްދެ އެވެ.

ރަޖިސްޓްރޭޝަން އަދި އިތުރު މައުލޫމާތު

22 ސެޕްޓެމްބަރ 2025 ގައި ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާ މި ސްޓޫޑިއޯގެ ކްލާސްތަކަށް ރަޖިސްޓަރވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފަ އެވެ. އިތުރު މައުލޫމާތު ހޯދުމަށް އިންސްޓަގްރާމްގައި @balance.mv އަށް މެސެޖްކުރެއްވުމަށް ދަންނަވަމެވެ.

ބެލެންސް ސްޓޫޑިއޯގެ ސަބަބުން ރާއްޖޭގެ އަންހެނުންނަށް އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މުހައްމަދު

7 ދުވަސް ކުރިން - 12:34

ޕިލާޓީސްއަށް ހާއްސަ ސްޓޫޑިއޯއެއް ފުރަތަމަ ފަހަރަކަށް ނޫން މާލޭގައި ތިހުޅުވީ 🤭 ދޮގު ހަބަރު ނުފަތުރަ މާރކެޓު ނުކުރެވެނީތޯ؟