ފ. މަގޫދޫގެ އެއާޕޯޓު އަހަރެއްތެރޭގައި ނިންމާލާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ފ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަގޫދޫގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެއާޕޯޓްގެ މަސައްކަތް ލަސްވަމުންދާ މައްސަލަ އާއި ގުޅޭ ގޮތުންނެވެ.
2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެމްޓީސީސީ އާއި ހަވާލުކުރެވުނު މި މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައި ވީ ނަމަވެސް، މިވަގުތު މަސައްކަތް ވަނީ މަޑުޖެހިފައެވެ.
”މި މަސައްކަތަށް އަމަލީ ސިފަ ގެނެސް، އެއްވެސް މަޑުޖެހުމެއްނެތި މަސައްކަތް ގެންގޮސް ނިންމާލަދޭނަން. ދިމާވެފައިވާ މައްސަލަ ބަލައި، މަސައްކަތް އަވަސްކުރަން މަގުފަހިކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރާނަން،“ ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވަނީ މަގޫދޫގެ ސިއްހީ މަރުކަޒު ތަރައްގީކުރުމާއި ސްކޫލްގެ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފަށްޓަވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ. އަދި ރަށު ކައުންސިލުން ހުށަހަޅާފައިވާ އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫގެ މައްސަލައަށްވެސް ސަރުކާރުން ރިއާޔަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.