މެޑިކަލް ސްޓާފުންތަކަކަށް މަރުގެ އިންޒާރުދީ ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މަހުގެ 14 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ހިނގި މާރާމާރީއެއްގައި އަނިޔާ ލިބުނު ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހިމް (28އ)އަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުންދަނިކޮށް އޭނާއަށް ފަރުވާ ދެމުން ދިޔަ މެޑިކަލް ސްޓާފުންތަކަކަށް މަރުގެ އިންޒާރުދީ، ބިރުދެއްކުމުގެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އޭނާގެ ޖީބުން ވަޅިއެއް ވެސް ވަނީ ފެނިފަ އެވެ.
ލޫތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.