ފ. ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއު ބޮޑު ހިލަ ލިބުމުން އަލުން ފަށާނެކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.
މިފަދައިން ރައީސް ވިދާޅުވީ އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ފ. ފީއަލީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުހާތަބު ކުރައްވަމުންނެވެ.
ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެކަމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ވައުދުފުޅުވެވަޑައިގެންފަ އެވެ. އަދި ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ އެހެން ރަށްރަށުގެ މަސައްކަތްތައްވެސް، އާ ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ފ. އަތޮޅު މަދަރުސާގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި، ރަށުގެ ތަރައްގީއާއި އާންމު ދިރިއުޅުމުގެ ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންނާއެކު މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، ހުއްޓިފައިވާ މަޝްރޫއުތައް އަވަހަށް ފެށުމާއި، އައިސްޕްލާންޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުން ހިމެނެ އެވެ.
އިތުރަށް މި ދަތުރުފުޅުގައި، ފީއަލީގައި ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި ބަނދަރު އަޕްގްރޭޑްކުރުމާއި، ޖެޓީ ހެދުމާއި، މިސްކިތް އިމާރާތްކުރުމާއި، ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަޝްރޫތައް ހިމެނެ އެވެ.
މީގެއިތުރުން، ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުމާއެކު، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތްވެސް ރަސްމީކޮށް ފެށިގެން ދިޔަ އެވެ. ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަވަސް ހައްލު ހޯދައިދޭނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާފައިވެ އެވެ.