ވ. ރަކީދޫގައި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވައިދެއްވައިފި އެވެ.
އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވީ، އެމަނިކުފާނު މިހާރު ވ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްފަހު، ރައީސް ވަނީ ހަނދާނީ ބޭންކު ކާޑެއް ފުލިދޫ ކައުންސިލާއި ހަވާލުކުރައްވައިފަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން މިހާތަނަށް 11 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމް ހިދުމަތް ވަނީ ފައްޓަވައިދެއްވައިފަ އެވެ. އެ އަތޮޅުތަކަކީ، ގއ. ގދ. އއ. ހއ. ހދ. ށ. ދ. ނ. މ. ކ. އަދި ބ. އަތޮޅެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ މަޝްރޫއު އެއްކޮށް ނިންމާލުމަކީ ބީއެމްއެލްގެ އަމާޒެކެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި އޭޓީއެމް ގާއިމުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ގިނަ ގޮތްގޮތުން ފަސޭހަވެގެންދާނެ އެވެ.