ޣައްޒާގެ އިންޓަނެޓާއި ކަރަންޓް ކަނޑައިލުމަށް ފަހު ލޭ އޮހޮރުވުން ވަރުގަދަ ކޮށްފިއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކުރާ ގޮތުގައި ރޭ އެއްގަމާއި ވައިގެ މަގުން ވަރަށް ވަރުގަދަ ޙަމަލާތަކެއް ޒައެނިސްޓުން ޣައްޒާގެ އެކި ތަންތަނަށް ދިނެވެ.
ރޭ ޣައްޒާގެ އިރުމަތީގެ އަވަށްތަކަށް ވެސް ޙަމަލާ ދިން ކަމަށާއި އެގޮތުން ޝެއިޚް ރަދުވާން އާއި ޓެލް އަލް ހަވާ ފަދަ އަވަށްތައް ވަނީ ފުނޑާލާފައި ކަމަށް މަސްދަރުތައް ބުނެއެވެ.
ކަރަންޓުގެ އިތުރުން ޣައްޒާގެ އިންޓަނެޓާއި ފޯނުގެ ހިދުމަތް ވެސް ރޭ އޮތީ ކަނޑާލާފައި ކަމަށް ޚަބަރުތައް ބުނެއެވެ. އެހެންކަމުން ޞިއްޙީ މަރުކަޒުތަކާއި ޢިމާރާތްތަކުގައި ތިބި މީހުންނަށް ސަލާމަތްކަން ހޯދުމަށް ދެވޭނެ އެއްވެސް ދިމާލެއް ނެތި އެތައް އިރެއް ވަންދެން ތިބެން ޖެހުނު ކަމަށް ޚަބަރުތައް ބުނެއެވެ. ފާއިތުވި 24 ގަޑިއިރު ސަތޭކައެއްހާ މީހުން ޝަހީދުވެ 400 އަށް ވުރެ ގިނަ މީހުން ޣައްޒާ އިން ޒަޚަމް ވިއެވެ.
އިސްރާއީލުން މިހާރު ކުރިޔަށް ގެންދާ ޢުދުވާނުގެ ސަބަބުން ގުނަވަންތައް ހަލާކުވެ، ހަށިގަނޑާއި ވަކިވެފައިވާ އެތައް ސަތޭކަ ކުޑަކުދިން ތިބިއިރު މިއީ ދުނިޔޭގެ ތާރީޚުގައި ވެސް މިހާތަނަށް ފެނުނު އެންމެ ބޮޑު ޖަރީމާ ކަމަށް އ.ދ. އިން ވެސް ޤަބޫލުކުރެއެވެ. ނަމަވެސް އެމެރިކާގެ ވީޓޯގެ ބާރުގެ ސަބަބުން އ.ދ.ގެ ދެން ތިބި ޤައުމުތަކަށް ވެސް އިސްރާއީލާއި ދެކޮޅަށް ފަލަސްޠީނަށް އަރައި އެ ކުޑަކުދިން ޙިމާޔަތް ކުރުމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ޤައުމުތައް ތިބީ އ.ދ.ގެ ސަބަބުން “ކަސްތޮޅު އެޅިފައެވެ”.
މީގެ ހަމަސް ކުރިން ރައީސް ޓްރަމްޕް ވަނީ އުރުދުން އަށް ޞިއްޙީ ފަރުވާ ދިނުމަށް ޣައްޒާއިން 2،000 ކުދިން ގެންދާނެ ކަމަށް އިޢުލާން ކޮށްފައެވެ. އެކަމަކު އިސްރާއީލުން ހުއްދަ ދީފައި ވަނީ އެންމެ 175 ކުދިންނަށެވެ. ބާކީ ތިބި ކުދިން ބޭސްފަރުވާއަށް ޣައްޒާގެ ބިމުން ފޭބުމަށް އިސްރާއީލުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ހުއްދަ ދިނުމަށް އިންކާރު ކޮށްފައެވެ. އެހެންކަމުން މިވަގުތު ޣައްޒާގައި ޒަޚަމްވެފައި ތިބި މީހުންނަށް އެތަނުން ބޭރަށް ގެންގޮސްގެން އިތުރު ފަރުވާއެއް ދެވޭނެ ގޮތެއްވެސް ނެތެވެ.









