2026 ވަނަ އަހަރުގެ ކުރީކޮޅުގައި ވ. ކެޔޮދޫގައި 12 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ފަށާނެ ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.
މިފަދައިން ރައީސް ވިދާޅުވީ އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ވ. ކެޔޮދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކެޔޮދޫގެ ރައްޔިތުންނަށް އެންމެ މުހިއްމުވެފައިވާ މައްސަލަ އަކީ ބިމުގެ މައްސަލަ ކަމަށެވެ. އެގޮތުން ބިން ހިއްކުމުގެ ސަބަބުން ވަރަށް ގިނަ ކަންކަމަށް މަގުފަހި ވެގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިތުރަށް ރައީސް ވިދާޅުވީ ކެޔޮދޫއަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ކުރިއަރާފައިވާ ރަށަކަށް ވުމުން، އިތުރަށް އެ ވިޔަފާއި ކުރާ ފަރާތްތަކަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް އަންނަ އަހަރު މާޗު މަހުގެ ކުރިން ކެޔޮދޫގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދޭނެ ކަމަށެވެ.
އަދި ސްކޫލްގެ އާ އިމާރާތެއް ބިނާކޮށް، މިހާރު ހުރި ހުރިހާ ކްލާސްރޫމެއް އޭސީ ކުރެވޭނެކަމަށް ރައީސަ ވިދާޅުވި އެވެ. އަދި ސްކޫލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ވަރަށް އަވަހަށް ސެޓެލްކޯ މެދުވެެރިކޮށް ހައްލުކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކުޅިވަރުގެ ދާއިރާ އިން އެތަށް ކަމެއް ކުރިއަށް ގެންދިއުމަށް ވެސް ހަމަ ޖެހިފައިވާ ކަމަށާއި، ފުޓުބޯޅަ ދަނޑުގައި ދާދި އަވަހަަށް ލައިޓު ޖަހާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކެޔޮދޫ ހޮސްޕިޓަލުގެ އާ އިމާރާތެއް ގާއިމުކޮށް، 20 އެނދުގެ ޖާގަ ގާއިމުކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.









