ފަލަސްޠީނަކީ މުސްލިމުންގެ މިނިވަން ދައުލަތެއް އޮންނަ ތަނެއްގެ ގޮތުގައި ބަލައިގަތުމަށް ޖަޕާނުން ކަނޑައަޅައިފައި ވަނިކޮށް ފަހު ވަގުތު ޖަޕާނުން އެކަން ކެންސަލް ކޮށްފިއެވެ. މި ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ކުރިޔަށް އޮތް ހަފްތާގެ ހޯމަ (23-29) އާއި ހަމައަށް ބޭއްވުމަށް ހަމަޖެހިފައިވާ އދގެ މުހިންމު ބައްދަލުވުންތަކުގައި، ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިނުގަންނާނެ ކަމަށް ބައެއް ޤައުމުތަކުން ބުނެފައިވާއިރު އޭގެ ތެރޭގައި ޖަޕާން ވެސް ހިމެނެއެވެ.
ނުރަސްމީ ބައެއް މަސްދަރުތަކުން އެނގޭ ގޮތުގައި އެމެރިކާއިން މިދުވަސްވަރު ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަނީ އެ ޤައުމުގެ އެކުވެރި ކާފަރުންނާއި ބައްދަލުކޮށް ފަލަސްޠީނުގައި އިސްލާމީ ދައުލަތެއް އޮތުމަށް ދެކޮޅުހެދުމަށް މަޝްވަރާ ކުރަމުންނެވެ. އަދި މި ހަފްތާގައި އޮންނަ ޔޫއެންގެ ބައްދަލުވުންތަކުގައި ފަލަސްޠީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަންނާނެ ކަމަށް ބުނި ޤައުމުތަކުން އެކަން އަނބުރާ ގެންދިޔުމަށް އެމެރިކާއިން ދަނީ ބޮޑެތި ހުށަހެޅުންތަކާއި އިނާމުތައް ދެމުން ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން އެމެރިކާއިން ވަނީ ޖަޕާނުގެ އިތުރުން އިނގިރޭސީވިލާތުގައިވެސް އެދިފައެވެ. ޖަޕާނުން އެމެރިކާގެ ބަސް ޤަބޫލުކުރިއިރު އިނގިރޭސީން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.
ޖަޕާނުން ފަލަސްޠީނުގައި މުސްލިމުންގެ ދައުލަތް އޮތުމަށް އުނބަށް ޖެހިއިރު، މިއީ ހުޅަނގުގެ ބައެއް ޤައުމުތަކުން ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެކެވެ.
2024 ވަނަ އަހަރުގެ އޭޕްރީލް މަހު ޖަޕާނުން ވަނީ ރައީސް މަހްމޫދު ޢައްބާސްގެ ވެރިކަމުގައި ފަލަސްތީނުގެ އާ ސަރުކާރެއް އުފެއްދުމަށް މަރުޙަބާ ކިޔާފައެވެ. އޭރު ޖަޕާނުން ބުނީ ތިމަންނާމެން ތާއީދުކުރަނީ ދެ ދައުލަތުގެ ހައްލެއްގެ ޚިޔާލަށެވެ. މާނައަކީ އިސްރާއީލާއެކު ކުރިއަށް އޮތްތަނުގައި އުފެދިފައިވާ މިނިވަން ފަލަސްތީނުގެ ދައުލަތެކެވެ. 
ނަމަވެސް، އިއްޔެ ޖަޕާނުގެ ފޮރިން މިނިސްޓަރު ތަކެޝީ އިވާޔާ ވިދާޅުވީ ސަރުކާރުގެ ވިސްނުން މިވަގުތު ބަދަލުވެއްޖެ ކަމަށެވެ.
މީގެ އެތައް އަހަރެއް ކުރިއްސުރެ ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ދަނީ ނަސްލު ނައްތައިލުމުގެ ޖަރީމާ އެއް ހިންގަމުންނެވެ. އެ ޖަރީމާ އިތުރަށް ވަރުގަދަ ކުރީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.
ހަމާސް އިން ބުނަނީ 2023 ގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް 1 ލައްކަ އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށެވެ.
ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވައްދުމަށް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. މިކަމުގެ ސަބަބުން ޣައްޒާގެ ބޮޑު އާބާދީއެއް ވަނީ ބަނޑަށް ޖެހި، ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ގޮވާލަމުންދާ އަޑުތައް ބައިނަލްއަޤްވާމީ ދުނިޔޭގައި ވެސް އަދި ޖަޕާނުގައި ވެސް ގަދަވަމުންދާ ކަން ފާހަގަކުރައްވައި އިވާޔާ ވިދާޅުވީ، ކަން އެހެން އޮތް ނަމަވެސް، ހަޤީޤަތުގައި ވެސް ޔަހޫދީންނާއެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތަށް ވާޞިލްވެވޭނެ މަގުތައް ދެނެގަނެ، އެ މިސްރާބަށް މަސައްކަތް ބެހެއްޓުމަކީ ސަރުކާރުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.