ވ. ތިނަދޫއަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު މި މޭރުމުން ވިދާޅުވެފައިވަނީ، އެމަނިކުފާނު މިހާރު ވ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ތިނަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި އަދި އިސްރައްވެހިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި، ތިނަދޫ ކައުންސިލުން ވަނީ އެ ރަށުގެ ކަންކަމުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، ރަށަށް މި ވަގުތު އެންމެ ބޭނުންވެފައިވާ މުހިންމު ކަންކަން ރައީސަށް ދަންނަވައިފަ އެވެ.
ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ. ރަށަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަން ކަމުގައި ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.
ތިނަދޫ ކައުންސިލުން ވަނީ، އެ ރަށުގެ ސިއްހީ ދާއިރާގެ ކަންކަން ހިމެނޭހެން ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރައްވާފައިވާ، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތްވެސް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވައިފަ އެވެ. އަދި އަންނަ 2026 ވަނަ އަހަރުގެ މާޗު މަހުގެ ކުރިން އެ ރަށުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތްވެސް ފައްޓަވައިދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.









