ކައުންސިލް މެދުވެރިކޮށް ރައްޔިތުން ބޭނުންވާ ގޮތް އެނގޭނެ ލިޔުމެއް ސަރުކާރަށް ފޮނުވައިދިނުމަކީ އެމަނިކުފާނުގެ އެދުމެއް ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވެފައިވަނީ، އެމަނިކުފާނު މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފުލިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މިގޮތަށް އެދިވަޑައިގަތީ ބ. ދޮންފަނުގެ ބިން ހިއްކައިފިނަމަ، ހަނިފަރު ސަރަހައްދަށް ގެއްލުންވާނެކަމަށް ބުނެ، ބަޔަކު ނުކުމެ އިހުތިޖާޖުކުރުމާ ގުޅިގެން އެ މަޝްރޫއު ހުއްޓާލަން ޖެހުނު މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މަޝްރޫއުގެ ސަބަބުން ހަނިފަރު ސަރަހައްދަށް ގެއްލުންވާނެ ކަމަށް ބުނެ، ބަޔަކު ނުކުމެ އިހުތިޖާޖުކުރަން ފެށުމުން، ސަރުކާރުން ވަނީ އެ މަޝްރޫއު ކުރިޔަށް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައިފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި އެ ރަށަށް މި ވަގުތަށް ބޭނުންވާ ކަންކަމަށް ވެސް ވަނީ އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން އެ ރަށުގައި ބަނދަރެއް ނެތުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރިޔަށް ގެންދާނީ ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ ގޮތަށް ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
މި މަޝްރޫއު ކުރިޔަށް ގެންދިއުމުގައި އެ ރަށުގެ ރައްޔިތުން އެދޭ ގޮތް ކައުންސިލް މެދުވެރިކޮށް ލިޔުމެއް ގޮތަށް ހުށަހަޅައި ދޭން ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ސަބަބަކީ އެހެން ބަޔަކު މި މަޝްރޫއުއާއި ދެކޮޅަށް ތެދުވާ ހާލަތެއްގައި ހެއްކެއްގެ ގޮތުގައި މި ލިޔުން ދެއްކެން އޮންނާނެތީ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. ރައްޔިތުންގެ ފަރާތުން ސަރުކާރަށް މިފަދަ ލިޔުމެއް ފޮނުވާދީފިނަމަ މިފަދަ އިތުރު ހާދިސާއެއް ދެވަނަ ފަހަރަށް އެހެން ރަށްރަށުގައި ދިމާނުވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"ރައްޔިތުންގެ އެއްބާރުލުމާއި އެއްބައިވަންތަކާއި އެކީގައި ރައްޔިތުން އެދޭ ގޮތް ލިޔެކިޔުމުން ކައުންސިލް މެދުވެރިކޮށް ފޮނުވައިދިނުކީ އަޅުގަނޑު ވަރަށް އެދޭ ކަމެއް" --- އެމަނިކުފާނު އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ވިދާޅުވި އެވެ.
ވާހަކަފުޅު ނިންމަވައިލައްވަމުން، ފުލިދޫގައި 12 ހެކްޓަރުގެ ބިމެއް ހިއްކަވައި ދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފަ އެވެ.









