މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި ދައުލަތުގެ އޮފީހެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
މި އޮފީސް އުފެއްދެވުމުގެ މައިގަނޑު އެއް މަގުސަދަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމެވެ. މި ކޮމިޝަން އުފެއްދެވުމާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން މިހާރު ވަނީ އުވާލެވިފަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ މެދު ނޫސްވެރިންގެ ހިޔާލު ހޯދުމަށްފަހު، ނޫސްވެރިން އެދޭ ކަންކަން ބިލުގައި ހިމެނުމަށްފަހު، މި ބިލު ވަނީ އަލުން އިސްލާހުކޮށްފަ އެވެ. މީގެތެރޭގައި އަލަށް އުފެދިގެންދާ ކޮމިޝަނަށް އައްޔަންކުރެވޭ މެންބަރުންނަކީ ރައީސް އައްޔަންކުރައްވާ މެންބަރުންގެ ގޮތުގައި އޮތް އޮތުން ވަނީ ބިލުން އުނިކުރައްވައިފަ އެވެ.
އަލަށް އުފެދުނު ކޮމިޝަނުގެ މެންބަރުން ކޮމިޝަން ހިންގުމާ ހާވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައީސް އިއްޔެ ތަސްދީގުކުރައްވާފައިވާއިރު، މި ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.









