އިސްރާއީލާއި ދެކޮޅަށް އަޑުއުފުލައިގެން މި އަހަރުގެ މާޗް މަހު އެމެރިކާގައި ހައްޔަރުކުރި ކޮލަމްބިއާ ޔުނިވާސިޓީގެ ކުރީގެ ދަރިވަރު އަދި އެކްޓިވިސްޓް މަހުމޫދު ޚަލީލް، (30އ) އެމެރިކާއިން ޑީޕޯޓް ކޮށްލުމަށް ނިންމައިފިއެވެ.
އެމެރިކާގެ ޑެންޓިސްޓަކާއި ކައިވެނިކޮށްގެން އުޅޭ މަހްމޫދު ޚަލީލާއި ގުޅޭ ގޮތުން ޚަބަރުތައް ބުނާ ގޮތުގައި އޭނާ ޑީޕޯޓް ކޮށްލުމަށް އެމެރިކާގެ ސަރުކާރުން ނިންމާފައި ވަނީ ސީރިއާ އާއި އަލްޖީރިއާއިން ކުރެ ޤައުމަކަށެވެ.
އެކްޓިވިސްޓް ޚަލީލަކީ 2013 ވަނަ އަހަރު ސީރިއާއިން އެމެރިކާއަށް ހިޖުރަކުރި މީހެކެވެ. އޭނާގެ ބައްޕަ އަކީ ފަލަސްޠީނު ރައްޔިތެކެވެ. މަންމަ އަކީ އަލްޖީރިއާގެ ރައްޔިތެކެވެ. އޭނާ އުފަންވީ ސީރިއާގެ ރެފިއުޖީ ކޭމްޕަކަށެވެ.
އެމެރިކާގެ ގްރީން ކާޑް އޮންނަ ޚަލީލް އާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި އެމެރިކާ ސަރުކާރުން އޭނާ ޑީޕޯޓް ކޮށްލުމަށް ނިންމީ އިސްރާއީލުން ފަލަސްޠީނު މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތަކުގެ ވާހަކަތައް އެމެރިކާގައި ދައްކާތީވެ އޭނާގެ އަޑު ކަނޑުވައިލުމަށެވެ.
ޑީޕޯޓް ކޮށްލާ މައްސަލަ އިސްތިއުނާފް ކުރުމަށް މަހްމޫދު ޚަލީލް މަސައްކަތް ކުރަމުންދާއިރު، އެމެރިކާގެ ޤާނޫނު ބުނާ ގޮތުން އޭނާއަށް އެ ކަމަށްޓަކައި 30 ދުވަސް ލިބޭނެއެވެ.
ޚަލީލުގެ އަނބިކަނބަލުން ނޫރާ ޢަބްދުالله އަކީ އެމެރިކާގެ މިޝިގަންގެ ރައްޔިތެކެވެ. އެ މީހުން ކައިވެނި ކުރީ މީގެ ދެއަހަރު ކުރިން (2023ގައި) ނިއުޔޯކްގައެވެ. މި ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބިފައި ވަނީ މި އަހަރުގެ އޭޕްރީލް 21 ގައެވެ. ޚަލީލް ޖަލަށް ލުމަށްފަހު ފުރަތަމަ ފަހަރަށް އޭނާގެ ދަރިފުޅާއި ބައްދަލުވުމުގެ ހުއްދަ ދިނީ ވެސް އެ ދަރިފުޅު އުފަންވިތާ މަސްދުވަސް ފަހުން، މެއި މަހުގެ 22 ވަނަ ދުވަހުގައި ކަން ފާހަގަ ކުރެވެއެވެ.
އެމެރިކާގެ ސަރުކާރުން އޭނާއަށް “ފިއްތާލާފައިވަނީ” ހަމަ އެކަނި އިސްރާއީލާއި ދެކޮޅަށް ވާހަކަދައްކާ މުސްލިމު ރައްޔިތަކަށް ވާތީއެވެ. އޭނާ އަކީ އެމެރިކާގެ މީހަކާއި އިނދެގެން އުޅޭ ގްރީން ކާޑު އޮތް “އެމެރިކާގެ ރައްޔިތެކެވެ”.
”ޔޫ.އެސް. ގްރީން ކާޑު” އޮންނަ ނަމަ އެމެރިކާގެ ރައްޔިތުންނާއި އެއްގޮތް އެތައް ޙައްޤުތަކެއް ލިބިގެންދެއެވެ. އޭގެތެރޭގައި އެމެރިކާގައި ދާއިމީ ގޮތެއްގައި ދިިއުޅުމާއި، ވަޒީފާ އަދާކުރުމާއި، ވަކި އިނާޔަތްތަކަކަށް އެދި ހުށަހެޅޭނެއެވެ. ނަމަވެސް ފެޑެރަލް އިންތިޚާބުތަކުގައި ގްރީންކާޑް ހޯލްޑަރުންނަށް ވޯޓެއް ނުލެވޭނެއެވެ. އަދި އެމެރިކާގެ ޕާސްޕޯޓެއް ވެސް ނުލިބޭނެއެވެ.