ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ތަސްދީގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކޮށްފައިވަނީ މި މަހުގެ 16 ވީ އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގަ އެވެ. ރައީސް ޑރ. މުއިއްޒު މި ބިލު ތަސްދީގުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފެށިގެންދާނެ އެވެ.
މިކަމާ ގުޅިގެން ރައީސް އޮފިހުން ބުނެފައިވަނީ މި ގާނޫނުގެ މަގްސަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ހަބަރު ފެތުރުން ހުއްޓުވުމާއި ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން އަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތައާރަފުކުރުމާއި، ބްރޯޑްކާސްޓިން މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުން ކަމަށެވެ.
މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލް އުވިގެންދާނެ އެވެ. މީގެ އިތުރުން ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން، މި ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އަށް ބަދަލުވެގެންދާނެ އެވެ.
ގާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ހާވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.









