ފްލެޓަށް ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފުވުމުން އަކްރަމް ކަމާލުއްދީންގެ އިތުރުން 3 މީހަކަށް ދައުވާކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 32 ދުވަސް ކުރިން - 18 ސެޕްޓެންބަރު 2025 12:10
ފްލެޓަށް ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފުވުމުން ދައުވާކުރި އަަކްރަމް ކަމާލުއްދީން އަދި އާރިފް: ފޮޓޯ/ އިންޓަނެޓް---
ފްލެޓަށް ޕޮއިންޓް ދިނުމުގައި އުސޫލާ ހިލާފުވުމުން ދައުވާކުރި އަަކްރަމް ކަމާލުއްދީން އަދި އާރިފް: ފޮޓޯ/ އިންޓަނެޓް---
ޚުލާސާ

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ މި ހަތަރު މީހުންގެ މައްޗަށް ވަނީ ކޮށްފައި.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި މީހުންނަށް ޕޮއިންޓު ދިނުމުގައި އުސޫލާ ހިލާފުވުމުން، ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ އިތުރުން ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަރަކްޗާ އިން 2022 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި އިއުލާނާއި، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ދޫކުރުމުގެ އުސޫލާ ހިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓު ދީ، ފްލެޓް ލިބުމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ކުރުމަށް މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި ދައުވާކޮށްފައިވާ ހަތަރު މީހުންނަކީ:

  1. ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި، ގެދޮރުވެރިން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި އޭރުހުރި މއ. އެވަލާސްޓް، އަކްރަމް ކަމާލުއްދީން.
  2. ހައުސިން މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ޑިރެކްޓަރު، ހއ. އިހަވަންދޫ، ނެދުންގެ، މުހައްމަދު އާރިފް.
  3. ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް، މއ. އިހާދޫ، އަހްމަދު ވިޝާން ނަސީމް.
  4. ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު، މއ. ވިރާހް، ޟިރުޣާމް ވަހީދު.

މި ހަތަރު މީހުންގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި، އާންމު ފަރުދުންގެ މަސްލަހަތާ ގުޅުންހުރި ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަހުގީގު އަވަހަށް ކުރިއަށްގެންގޮސްފައިވާ މައްސަލައެއް ކަމަށެވެ.

މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ލަފައާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުން ގެންދާކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އިތުރަށް ބުނެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%