ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަށް ދިޔަ ޒުވާނުންނަށާއި އެ ޒުވާނުންގެ ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ދަންނަވައިފި އެވެ.
ރައީސް ޑރ. މުއިއްޒު ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަށް ދިޔަ ޒުވާނުންނަށާއި އެ ޒުވާނުންގެ ބެލެނިވެރިންނަށް މަރުހަބާ ދެންނެވީ، އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާ ކުރެއްވި


ދިވެހި ވަތަނީ ހިދުމަތަށް ކުރިމަތިލުމަށް މިއަހަރަށް ހުޅުވާލުމުން ކުރިމަތިލި 1،242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރުގެ ސިލެކްޝަން ޕްރޮސެސް ގައި ހޮވުނު 343 ޒުވާނުން ބުދަ ދުވަހު ވަނީ ތަމްރީނަށް ފުރާފައިވާ ކަމަށާއި، މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ 107 ރަށަކުން، އުމުރުން 16 އަހަރާއި 29 އަހަރާ ދެމެދުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުން ކަމަށް ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ މަގުސަދުތަކުގެ ތެރޭގައި:
- ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަހުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކުރުން.
- ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ހިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްގީކުރުން.
- ދިވެހިރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ހިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިކޮށްދިނުން.
- ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަހުލާގާއި ސުލޫކު ރަނގަޅު، އިހުތިރާމު ކުރާ، އަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުން.
- ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންގެ ގޮތުގައި ބައްޓަންކުރުން.
- ދިވެހި ޒުވާނުންނަކީ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުން.
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމު ކުރިއަށް ގެންދަވާނޭކަން ރައީސް އިއުލާނުކުރައްވާފައި ވަނީ ނިމިދިޔަ 2024 ވަނަ އަހަރުގެ ތެރޭގަ އެވެ.
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު 343 ޒުވާނުން، ޅ. މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.








