އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމަށް ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ އިދާރީ ކަންކަމާއިގެން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްދާނެ ގޮތެއް ދައްކައިދޭން ޖެހިފައި އޮތް އިރު، ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން މެނުވީ އެއްވެސް އިސްލާހެއް ގެނައުމަށް އެދިވަޑައިނުގަންނަވާ ކަމަށާއި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ނެގިގެންދާނީ ތާރީހީ ވޯޓެއް ކަމަށެވެެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށާ، އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުންކަމަށެވެ.
މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީހީ ވޯޓެއް ކަމަށާ، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.









