އުމްރާވެރިންނަށް ލަނޑުދިން މަޝްއަރު ޓުއާސްގެ ވެރިޔާ 3 އަހަރަށް ޖަލަށް

އައިޝަތު ޝިފްނާ ހުސައިން | 31 ދުވަސް ކުރިން - 17 ސެޕްޓެންބަރު 2025 19:43
މަޝްއަރު ޓުއާސްގެ ވެރިޔާ އަލީ ފާރިޝް.
މަޝްއަރު ޓުއާސްގެ ވެރިޔާ އަލީ ފާރިޝް.
ޚުލާސާ

އެ ކުށުގެ އަދަބެއްގެ ގޮތުން ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްގައިވޭ.

މަޝްއަރު ގްރޫޕުގެ ވެރިޔާ އުމްރާއަށް ދިޔަ ބައެއް މީހުންގެ ޓިކެޓުތަކަށް ފައިސާ ދެއްކުމަށް އެ ކުންފުނިން ދިން ޗެކު ބައުންސްވެ ފައިސާ ނުދެއްކިގެން ޓިކެްޓުތައް ކެންސަލްވި މައްސަލައިގައި އެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝްގެ މައްޗަށް ކުރި މަކަރާއި ހީލަތުގެ ދައުވާ ސާބިތުވެ އޭނާ ތިން އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ފާރިޝްގެ މައްޗަށް ދައުވާކުރީ ރާއްޖެއިން އުމްރާއަށް މީހުން ގެންދަން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ރިޓާން ޓިކެޓުގެ ބުކިން ހެދުމަށް ފަހު، ފައިސާ ނުދެއްކި މައްސަލައިގަ އެވެ.

އެ ޓިކެޓްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އެ ކުންފުނީގެ ބީއެމްއެލް އެކައުންޓުން 390،126ރ. ނެގޭ ގޮތަށް އޭސް އޭވިއޭޝަން ސާވިސް އަށް ދޫކުރި ޗެކާއި 156،050ރ. ނެގޭ ގޮތަށް ދޫކުރި ޗެކްތައް ބޭންކަށް ހުށަހެޅުމުން އެކައުންޓްގައި ފައިސާ ނެތި ޗެކްތައް ބައުންސްވީ އެވެ. އެ ފައިސާ ދައްކަން ހަތް ދުވަހުގެ މުއްދަތެއް ފާރިޝްއަށް ދިނުމުން ވެސް އެ ފައިސާ ދައްކާފައިނުވާތީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާކޮށް އެ ފައިސާ އޭނާގެ އަތުން ނަގައިދިނުމަށް ދައުވާގައި އެދުނެވެ.

އެ މައްސަލައިގައި ފާރިޝް ކޯޓުގައި ބުނެފައި ވަނީ ޗެކްތަކަށް ފައިސާ ނުލިބޭ ކަމަށް ބުނުމުން ފައިސާ ދައްކަން އިތުރު ފުރުސަތެއް ދިނުމަށް އެދިފައި އޮންނާނެ ކަމަށާއި އެ މީހުން އެދުނު ގޮތަށް ފުރަތަމަ 100،000ރ. ޖަމާކޮށްދިން ކަމަށެވެ. ޓިކެޓުތަކަކީ ރިޓާން ޓިކެޓުތަކެއްގެ ގޮތުގައި އިޝޫކޮށްފައިވާ ހުރި ޓިކެޓުތަކަކަށް ވާއިރު، އެންމެ ފަހު ވަގުތު ޓިކެޓުތަކުގެ ރިޓާން ކެންސަލްކުރުމުން، ޗެކްތަކުގައި ހުރި އަދަދަކީ ދައްކަންޖެހޭ އަދަދުތަކެއް ނޫން ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލައިގައި ކޯޓުން ކުރި ހުކުމްގައި ބުނީ ފާރިޝްގެ މައްޗަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއަށް ފާރިޝް އިންކާރުކުރި ނަމަވެސް ހެކިތަކަށް ރިއާޔަތްކޮށް އެ ދައުވާ އަކީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުން ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވެސް ހުކުމްގައިވެ އެވެ. އަދި ދައުވާގައި ބަޔާންކުރާ މުއާމަލާތާ ގުޅިގެން އޭސް އޭވިއޭޝަނާއި އޭސް ޓްރެވެލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު ނުވަތަ 406،321ރ. އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށާއި އެ ފައިސާ ދެ އަހަރުގެ ތެރޭގައި ދެއްކުމަށް އެ ހުކުމްގައި އަމުރުކޮށްފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%