340 ބައިވެރިންނާއެކު ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނަށް ފުރައަިފި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މޯލްޑިވްސް ޑިފެންސް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ, ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަހަލާގް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ މޯލްޑިވްސް ނޭޝަނަލް ސާވިސްގެ (ދިވެހި ވަތަނީ ހިދުމަތުގެ) ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނުތައް ހެދުމަށް މިއަދު ފުރައިފި ކަަމަށެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރިން، ޅ. މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

މި ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމުގެ މަރުހަލާ މިއަހަރުގެ ޖުލައި މަހު ބާއްވާފައިވަނީ މާލެ ސިޓީ، ހއ. ދިއްދޫ، ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ތ.ވޭމަންޑޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގަ އެވެ.

މި މަރުހަލާގައި ބައިވެރިން އިންޓަވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.