ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގަވާއިދާ ހިލާފަށް ޑޮލަރު މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
މިކަމާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރިސޯޓް ކައުންޓަރުތައް ކައިރީގައި ގަވާއިދާ ހިލާފަށް ބޭރުފައިސާ މާރުކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ވަނީ ހައްޔަރުކުރެވުނު މީހާގެ ވަނަވަރުވެސް އާންމުކޮށްފަ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެއްކަމުގައިވާ ރަފިގުލް އިސްލާމް (30އ) އެވެ. އަދި މީނާއަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ޓޫރިސްޓު ޕޮލިހުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު 68،000 އަށްވުރެ ގިނަ ދިވެހި ރުފިޔާއާއި، 1،700 އަށްވުރެ ގިނަ ޑޮލަރުގެ އިތުރުން، އެކި ގައުމުތަކުގެ ފައިސާ އޭނާގެ އަތުން ފެނިފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއަދަތަކަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.









