ޣައްޒާ ސިޓީއަށް ދެމުންދާ ޙަމަލާތައް އަދި "އެތައް މަސްތަކެއް" ވަންދެން ދިގުދެމިގެންދާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން އިޢުލާން ކޮށްފިއެވެ. އިސްރާއީލްގެ ޑިފެންސް ފޯސް (އައި.ޑީ.އެފް) އިން މި ގޮތަށް ބުނެފައި ވަނީ ރޭ ދަންވަރުއްސުރެ ފަތިސް ވަންދެން ވަރަށް ވަރުގަދަ ޙަމަލާތަކެއް ޣައްޒާ އަށް ދިނުމަށް ފަހު އެތައް ޢިމާރާތްތަކެއް ބިމާއި ހަމަކުރުމަށް ފަހުގައި ކަމަށް އަލްޖަޒީރާއިން ބުންޏެވެ.
ބައެއް އެހެން މަސްދަރުތަކުން ބުނާ ގޮތުގައި ހައްދުފަހަނައެޅި ޒައެނިސްޓް ޓެރަރިސްޓުންގެ ސިފައިންގެ ތަރުޖަމާނު އެފީ ޑެފްރިން ބުނި ގޮތުގައި އިސްރާއީލުން ޣައްޒާގައި ފަށައިގެން އުޅޭ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް ވަކި މުހުލަތެއް ނެތެވެ. "ކިތަންމެ ދުވަހެއް ނެގިޔަސް ޣައްޒާގައި އަހަރެމެން ކުރަން ޖެހޭ ކަންކަން (މުސްލިމުން ޝަހީދުކޮށް ޣައްޒާގެ ޢިމާރާތްތައް ބިމާއި ހަމަކޮށްލުމުގެ މަސައްކަތްތައް) ކުރާނަން،" އޭނާ ބުންޏެވެ.

އެމެރިކާގެ އެހީތެރިކަމާއި އެކު ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދުކޮށްލާފައިވާ އެއް ޢާއިލާއެއްގެ ހަމީހުންގެ ހަށިގަނޑުގެ ކައިރީގައި ދެމީހަކު އިށީނދެގެން ތިބެ ހިތާމަކުރަނީ: މި ޤަތުލުޢާންމު ހުއްޓުވަން ދުނިޔޭގެ ގިނަ ޤައުމުތަކުން ބޭނުންވާ ކަމަށް ބުންޏަސް އެ ޤައުމުތަކުން އިސްރާއީލާއި ދެކޮޅަށް ފިޔަވަޅެއް ނާޅާ. / ފޮޓޯ: ސޯޝަލް މީޑިއާ
ޣައްޒާގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ އިސްރާއީލުން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ގައެވެ. އިސްރާއީލުގެ ވައިގެ ޙަމަލާތަކުގައި ފުރަތަމަ ދުވަހުވެސް ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލިއިރު، ދެވަނަ ދުވަހު ޝަހީދުވި މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. ފުރަތަމަ މަސް ނިމުނުއިރު ޣައްޒާގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދިން ގޮތުގައި ޣައްޒާގެ 9،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވެއެވެ. އޭގެ ތެރޭގައި އެތައް ހާސް ކުޑަކުދިންނާއި އަންހެނުން ހިމެނެ އެވެ.
ހަނގުރާމަ މިއަދާއި ހަމަޔަށް ދެމިގެން އައިއިރު 1 ލައްކަ އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ހަމާސް އިން ބުނެެއެވެ.









