ހައްސުފަހަނަ އަޅަފައިވާ އިސްރާއީލުން މިއަދު ޣައްޒާގައި ހިންގި ޤަތުލުޢާންމުގައި މަދުވެގެން 106 މީހުން ޝަހީދުވެފައިވާ ކަމަށާއި، ގިނަ ޢަދަދެއްގެ ކުޑަކުދިން ޒަޚަމްވެ، ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ދެންމެ ބުނެފިއެވެ. އޮފިޝަލުންނާއި ޙަވާލާދީ މަސްދަރުތަކުން ބުނީ މިއީ މިފަހަރުގެ ޙާލަތު އިތުރަށް ގޯސްވާން ފެށި ފަހުން އެންމެ ގިނަ މީހުން ޝަހީދުވި ދުވަސް ކަމަށެވެ.
ހޮސްޕިޓަލުގެ އޮފިޝަލުންނާއި ޙަވާލާދީ މަސްދަރުތަކުން ބުނާ ގޮތުގައި ޝަހީދުވި މީހުންގެ ޢަދަދު މިއަށް ވުރެ ވެސް އިތުރުވެދާނެ ކަމަށް ބެލެވެއެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގެ ވޯޑްތައް ފުރިފައިވާއިރު، ކޮންމެހެން ބޭނުންވާ އިންޖެކްޝަނާއި ކަފަ އާއި ބެންޑޭޖް ވެސް އެއްގޮތަކަށް ވެސް ނެތެވެ. އެހެންކަމުން ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވެ އެވެ.
އިސްރާއީލުން ބުނާ ގޮތުގައި އެ މީހުން ޙަމަލާ ދެނީ ހަތިޔާރު އެޅި ޖަމާޢަތްތަކަށެވެ. ނަމަވެސް ޣައްޒާގައި ޚަބަރުތައް ގެނެސްދޭ ހުރިހާ މީޑިއާއަކުން ވެސް ބުނަނީ އިސްރާއީލުން އާބާދީ ގިނަ ސަރަޙައްދުތަކަށް ހިތުހުރި ގޮތަކަށް ބޮން އަޅަމުންދާ ކަމަށެވެ.
ހައްދުފަހަނަ އެޅި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް މިއަދު ވެސް ބުނެފައި ވަނީ ޣައްޒާއަށް މިވަގުތު ޙަމަލާ ދެމުން ދަނީ އިސްރާއީލިގެ “ދަގަނޑު އަތުން” ކަމަށެވެ. އަދި މީގެ ކުރިން އޭނާ ބުނެފައި ވަނީ ޣައްޒާގައި ނަރަކައިގެ ގޭޓުތައް ހުޅުވާލާނެ ކަމަށެވެ. މާނައަކީ ވޭންދެނިވި ޙަމަލާތަކެއް ޣައްޒާއަށް ދޭނެ ކަމަށެވެ.









