ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް ޑރ. މުއިއްޒު މި ބިލު ތަސްދީގު ކުރައްވާފައިވަނީ އިއްޔެ އެވެ.
ދައުރުން ބޭރުން އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކޮށްފައިވާއިރު މި ބިލުގައި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.
މި ބިލުގައި، ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން، ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް، ރައީސްއަށް ނިންމިދާނެކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މި ބިލުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނެ އުސޫލުތަކާއި، އެނޫނަސް އެ ވޯޓު ނެގުމާގުޅޭ އެންމެހައި އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ.
ރައީސް މި ބިލު ތަސްދީގުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު، މި ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށައިފަ އެވެ.









