ބައިވެރިވި އިދިކޮޅު މެންބަރުންގެ ފަރާތުން ބިލަށް ވަރުގަދަ ދެކޮޅު ހެދުމާއި ހަޅޭކުގެ އަޑުތައް ގަދަވެފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ރެކޮމެންޑޭޝަންތަކާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގެ ކޮމިޓީ ރިޕޯޓު ފާސްކޮށްފި އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ މި ބިލްގެ ކޮމިޓީ ރިޕޯޓު އިސްލާހުތަކަކާކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފުރަތަމަ ފާސްކުރީ އިއްޔެ އެވެ. ނަމަވެސް، މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފަރާތުން ބިލަށް އާ ރެކޮމެންޑޭޝަންތަކެއް ލިބިފައިވުމުން، އެކަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ވަނީ އަނެއްކާވެސް ބާއްވާފަ އެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ރެކޮމެންޑޭޝަންތަކާއެކު ކޮމިޓީ ރިޕޯޓް ފާސްކުރުމަށް ހުށަހަޅާފަ އެވެ. އަދި ކޮމިޓީން އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންތަކާއި ކޮމިޓީ ރިޕޯޓް ދިރާސާ ކުރުމަށް އިތުރު ވަގުތަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެކަމަށް ފުރުސަތު ނުލިބުމުން، މީކާއިލް ވަނީ ކޮމިޓީގައި އަޑުގަދަކޮށް މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް އަޑުއުފުއްލަވާފަ އެވެ.
އެހެންނަމަވެސް، މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ރެކޮމެންޑޭޝަންތަކާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލްގެ ކޮމިޓީ ރިޕޯޓު ފާސްކުރި ނަމަވެސް، ކައުންސެލް ޖެނެރަލްގެ ރެކޮމެންޑޭޝަންސްގައި ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަން ސާފުކޮށްދީފައެއް ނުވެ އެވެ. ކޮމިޓީ ބައްދަލުވުމުގައިވެސް އެ ރެކޮމެންޑޭޝަންތަކުގައި ބަޔާންކޮށްފައިވާ އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
މި ބިލް ފާސްކުރުމަށް، މިއަދު ހަވީރު 04:00 ގައި މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި ޖަލްސާގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ފާސްކުރުމަށް ވޯޓަށް އަހާނެ އެވެ.
މިއާއިއެކު، މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް މަޖިލިސް ސަރަހައްދުގައި ނޫސްވެރިންނާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ފާރާތްތަކުން އަންނަނީ ހެނދުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ.