ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެންބަރު މުހައްމަދު ސިރުހާން، މީޑިއާ ބިލަށް ތާއީދުކުރައްވާ ކަން ހާމަކުރައްވައިފި އެވެ.
މެންބަރު ސިރުހާން މީޑިއާ ބިލަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. އެގޮތުން މެންބަރު ސިރުހާން ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވާ ގޮތުގައި، ހަބަރުގެ ނަމުގައި މުޖުތަމައު ފަސާދަ ކުރާ ކަހަލަ ބުހުތާނު ދޮގު ފެތުރުމާއި އަބުރު ކަތިލުމަކީ އޭނާ އެއްވެސް އިރެއްގައި ތާއީދު ކުރައްވާ ކަމެއްނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ހަމައެހެންމެ، މީޑިއާތައް ރެގިއުލޭޓުކުރުމަކީ އޭނާ ވެސް އެންމެ ބޭނުންވާ ގޮތްކަމުގައި މެންބަރު ސިރުހާން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ.
މީޑިއާ ބިލުގައި ނޫސްވެރިން ބޭނުންވާ ކަންކަން އިސްލާހުކޮށް ބިލު ދިރާސާކުރާ ކޮމިޓީން ވަނީ އެ ބިލު ފާސްކޮށްފަ އެވެ. މީޑިއާ ބިލުގެ ސަބަބުން، މިހާރަށްވުރެ ބޮޑަށް މީޑިއާތައް ޒިންމާދާރު ކުރެވިގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. މީގެ އިތުރުން، މި ބިލަށް ގިނަ ބަޔަކު އަންނަނީ ތާއީދުކުރަމުންނެވެ.