ނޫސްވެރިންގެ ނަމުގައި މަގުމަތީ މުުޒާހަރާކުރާ ބަޔަކު ކަންދެއްކުމުގެ ގޮތުން، ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި މެންދުރު ނަމާދު ކޮށްފިއެވެ. މި ވާހަކަތައް ސޯޝަލް މީޑިއާގައި ވެސް ދަނީ ފެތުރެމުންނެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް ކޮންމެ ދުވަހަކުވެސް ނޫސްވެރިން އަންނަނީ ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި އިހުތިޖާޖު ކުރަމުންނެވެ. އެގޮތުން މިއަދު ވެސް ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލިސް ސަރަހައްދަށް އެއްވެ އިހުތިޖާޖުކޮށްފައެވެ. އެހެންނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރުމުން މީޑިއާ ބިލު އިސްލާހުކުރުމަށްފަހު، ބިލު ދިރާސާކުރާ ކޮމިޓީން ވަނީ މީޑިއާ ބިލު ފާސްކޮށްފައެވެ.
އެއަށްފަހު މެންދުރު ނަމާދު ބަންގި ގޮވުމުން ނޫސްވެރިން ވަނީ ރައްޔިތުންގެ މަޖިލިސް ސަރަހައްދުގައި ނަމާދުކޮށްފައެވެ. ނޫސްވެރިން މަޖިލިސް ސަރަހައްދުގައި ނަމާދުކޮށްފައިވާއިރު އެ ސަރަހައްދުގައި މަދުވެގެން ފަސް މިސްކިތެއްގައި ނަމާދުކުރެއެވެ.
އިސްލާމް ދީނުގައި ބާރު އަޅަނީ މަޝްވަރާއަށެވެ. ހަމަނުޖެހުންތައް ހިންގައި ވެރިކަމާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރުމަކީ މުސްލިމުން ބައިބައި ކުރުވުމަށް ހުޅަނގުން އުފައްދައިގެން އުޅޭ ހީލަތްތެރި ރޭވުންތަކެވެ. މީގައި މިއަދު ދީނީ އިލްމު ކޮށި ނޫސްވެރިންވެސް ޖެހިއްޖެ އެވެ.
ކަންދެއްކުމަށް ނުވަތަ ފަރުވާ ކުޑަކަމުން ކައިރީގައި ވަށައިގެން ހުރި މިސްކިތްތަކަށް އެމީހުން ނުދިޔަ ސަބަބަކީ މުޒާހަރާކުރާ ތަން ދޫކޮށްލާފައި ނުދިޔުން ކަމަށް އެ މީހުން ބުނާ ނަމަ އެއީ ޝައިޠާނީ ވަސްވާހެވެ. އާންމު ތަންތަނުގައި ނަމާދު ކުރުމަށްވުރެ، އިސްލާމް ދީން ބާރު އަޅަނީ މިސްކިތަށް ނަމާދަށް ދިޔުމަށެވެ. އިސްލާމީ އިލްމުވެރިން ހާމަކުރައްވާ ގޮތުގައި ފިރިހެނުން ނަމާދުކުރަން ވާނީ މިސްކިތްތަކުގައެވެ. ދަތުރުފަތުރު ފަދަ ސައްހަ ސަބަބެއް ނެތި އެހެން ތަނެއްގައި ނަމާދު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ސިޔާސީ ކަމެއް ޙާސިލު ކުރުމަށް ނުވަތަ މަޖިލިސް ސަރަހައްދުގައި މުޒާހަރާތައް ބޭއްވުމަކީ މިސްކިތް ދޫކޮށްލަން ޖެހޭ ސައްހަ ސަބަބެއް ކަމުގައި ނުބެލެވޭއިރު، އެކަން ކުރުމަކީ މުޖުތަމައު ހަލާކުކޮށްލުމަށް ދެވޭ ހިއްވަރެކެވެ.
އިސްލާމީ ފަތްފުށްތަކުން އެނގޭ ގޮތުގައި މަޖިލިސްކުރާ ގެ ކައިރީގައި މިހާރު މި ހިނގައިގެން އުޅޭ ކަމަކީ ސިޔާސީ، ދީނާއި ދުރު ކަމެކެވެ. އިސްލާމް ދީނުގައި ވެރިމީހާ އާއި ދެކޮޅަށް ނުވަތަ ވެރީންނާއި ދެކޮޅަށް މުޒާހަރާކޮށް އަދާވާތްތެރިކަން ދެއްކުމަކީ ވަރަށް ބޮޑު ފާފައެކެވެ. ވެރީންނަށް ޖަދަލުކޮށް މުސްލިމް ޖަމާއަތުގެ މެދުގައި ރުޅިވެރިކަން އުފެއްދުމަކީ ސީދާ ހަރާމް ކަމެއް ކަމުގައި ވިޔަސް، މިއަދު އެކަންކަން މި ވަނީ އާދައިގެ ކަންކަމަށް ވެފައެވެ. އިސްލާމް ދީނުގައި ވެރިންނާއި ދެކޮޅަށް ނުކުންނަ މީހަކަށް ސުވަރުގޭގެ ވަސް ވެސް ނުދުވާނެ ކަމަށް ސައްހަ ހަދީސުން އެނގެއެވެ. ސަހީހް މުސްލިމްގެ ހަދީސް ނަމްބަރު 1713 އިން އެކަން އެނގެން އެބަ އޮތެވެ.