އަރަބި އަދި އިސްލާމީ ގައުމުތަކުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފި އެވެ.
އަރަބި އަދި އިސްލާމީ ގައުމުތަކުގެ ސަމިޓުގެ ކުއްލި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
ގަތަރުގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި، އިސްލާމީ ގައުމުތަކުގެ ލީޑަރުން ވަނީ ބަޔާންތައް އިއްވައިފަ އެވެ. އެގޮތުން ރައީސް ޑރ. މުއިއްޒު މި ބައްދަލުވުމުގައި ދެއްވި ބަޔާނުގައި، އިސްރާއީލުން ގަތަރަށް ދިން ހަމަލާ ކުށްވެރި ކުރައްވައި، އިސްރާއީލުގެ މި ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި ވަނީ ވާހަކަފުޅުދައްކަވައިފަ އެވެ.
މީގެ އިތުރުން އިސްރާއީލުން މަސައްކަތްކުރަނީ ސުލްހައަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް، އިސްރާއީލުގެ ލީޑަރުން ޖަވާބުދާރީކުރުވުމަށް ވެސް މި ބައްދަލުވުމުގައި ރައީސް ވަނީ ގޮވާލައްވައިފަ އެވެ.
އަރަބި އަދި އިސްލާމީ ގައުމުތަކުގެ ސަމިޓަކީ އިސްލާމީ ދުނިޔެއަށް މުހިންމު ދަނޑިވަޅުތަކުގައި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ ލީޑަރުން އެއްވެ، އިސްރާއީލުގެ އަމަލުތައް ނިރުބަވެރި އަމަލުތައް ކުށްވެރިކޮށް، އަދި ބައިނަލްއަގްވާމީ ގާނޫނުތައް ހިފެހެއްޓުމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އިސްރާއީލަށް ފިޔަވަޅު އަޅަން އިލްތިމާސްކުރާ ސަމިޓެކެވެ.









