އިސްރާއީލުގެ ‘ދަގަނޑު އަތްތިލަ’ ދަށުގައި ‘ޣައްޒާ އަނދަމުންދާ’ ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނެފިއެވެ.
މިއަދު އެކްސް ގައި ކުރި ޕޯސްޓެއްގައި ހައްދުފަހަނަ އެޅި ޓެރަރިސްޓް ސަރުކާރުގެ ޑިފެންސް މިނިސްޓަރު ބުނީ އިސްރާއީލުގެ ސިފައިން ޣައްޒާއަށް "ދަގަނޑު އަތްތިލައަކުން" ޙަމަލާ ދެނީ “ރަހީނުކޮށްފައިވާ މީހުން ސަލާމަތް ކުރުމަށާއި ހަމާސް ބަލިކުރުމުގެ” މަސައްކަތުގައެވެ.
ކަޓްޒް މިއަދު އެހެން ބުނިއިރު އިސްރާއީލުގެ ސަރުކާރާއި ދެކޮޅު އެ ޤައުމުގެ ސިޔާސީ ފަރާތެއް ކަމަށްވާ އޮރީ ގޯލްޑްބަރގް ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ބޮމުގެ ޙަމަލާތައް ވަރުގަދަ ކަމުން އޭގެ އަޑު އިސްރާއީލުގެ މެދުތެރެއަށް ވެސް އިވެމުންދާ ކަމަށެވެ.
ގޯލްޑްބަރގް ވިދާޅުވީ ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އަކީ "ނަސްލު ނައްތާލުމުގެ" ހަނގުރާމަ އެއް ކަމަށެވެ.
ގުދުސްގައި ހުންނަ ނަތަންޔާހޫގެ ގެކޮޅުގެ ބޭރުގައި މުޒާހަރާ ކުރައްވަމުން ގެންދާ އިސްރާއީލުގެ ކުރީގެ ރައްޔިތުން ވެސް ގޮވަމުން ދަނީ ޣައްޒާ އަށް އަޅަމުންދާ ބޮންތަކުގެ އަޑު އިސްރާއީލަށް އިވޭ ކަމަށެވެ.
މުޒާހަރާގެ ބައިވެރިންނާއި ޙަވާލާދީ ބައެއް މީޑިއާތަކުން ބުނަނީ ޣައްޒާއަށް އަޅަމުންދާ ބޮންތަކުގެ ވައިބްރޭޝަން އިޒުރޭލުގެ ގޭގެއަށް ވެސް އިޙްސާސް ވަމުންދާ ކަމަށެވެ.
ޣައްޒާގައި މިހާރު ހިންގަމުންދާ ޖަރީމާތައް ބަލައި އެކަމާއި މެދު ފިޔަވަޅު އަޅާކަށް ޔަމަން ފިޔަވައި އެއްވެސް ބަޔަކަށް ނުކެރެއެވެ. ކުރިން އީރާނުން ލުބުނާނުގައި ތިބި އެ މީހުންގެ މީހުން ލައްވައި މަސައްކަތް ކުރުވި ކަމުގައި ވިޔަސް މި ފަހުން ހިނގި ހަމަނުޖެހުންތަކުގައި އީރާނަށް ބޮން އަޅައި ބޮޑެތި ގެއްލުންތަކެއް އިސްރާއީލުން ދިނުމުން، އީރާނުން ވެސް މިހާރު އިސްރާއީލާއި ދެކޮޅަށް އެއްވެސް ޙަމަލާއެއް ނުފޮނުވާކަން ފާހަގަ ކުރެވެއެވެ.
އީރާނުން ޔުރޭނިއަމް ފައްކާކުރަން މަސައްކަތްކުރިކުރުން ވެސް މަޑުޖައްސާލައި ޔޫރަޕުން ކުރި ޑިމާންޑާއި އެއްގޮތަށް އ.ދ އަށް ބޭނުން ކޮންމެ އިރަކު އީރާނުގެ ކާރުޚާނާތައް ބެލޭނެ އިންތިޒާމުވެސް މިހާރު އީރާނުން ވަނީ ހަމަޖައްސައިދީ ކެމެރޭތައް ވެސް ހުޅަނގުގެ ބާރުތަކަށް ބެލޭނެ ގޮތް ހަދައިދީފައެވެ.









